ރޯދަމަހުގެ ފަހު 10 ގައި ބިއެމްއެލް އިން ހިދުމަތް ދޭ ގަޑިތައް

މިއަދު ފެށުނު ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، މި މުއްދަތުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗްތައް ހުޅުވާނެ ދުވަސްތައް އެ ބޭންކުން އާންމުކޮށްފިއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ފަހު 10 ގެ ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުގެ ބްރާންޗްތައް ހުޅުވާފައި ހުންނާނީ މި މަހުގެ 11 ވާ ބުދަ ދުވަހާއި އަދި މި މަހުގެ 18 ވާ ބުދަ ދުވަހު އެވެ. މި ދެ ދުވަހު ބޭންކު ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ.
ބޭންކުގެ ބްރާންޗްތައް ބަންދު ނަމަވެސް، އެ ވަގުތުތަކުގައާއި އަދި އޭގެ ފަހުން ވެސް ބޭންކުގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ ކަމުގެ ޔަގީންކަން ބީއެމްއެލް އިން ވަނީ ދީފައެވެ. މީގެ އިތުރުން، ފައިސާ ނެގުމާއި ފޮނުވުމުގެ މުއާމަލާތްތައް ބޭންކުގެ ސެލްފް ސާވިސް ސެންޓަރުތަކުގައި ހުންނަ އޭޓީއެމްތަކުންނާއި، މޮބައިލް އެޕްލިކޭޝަން އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެއެވެ.
ރޯދަ މަހަށް ފަހު އަންނަ ޝައްވާލު މަހުގެ ހަ ރޯދައިގެ ދުވަސްތަކުގައި ބޭންކު ހުޅުވާފައި ހުންނާނެ ވަގުތުތައް ވެސް ބީއެމްއެލް އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ހަ ރޯދައިގެ ދުވަސްތަކުގައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:30 އިން މެންދުރު 12:30 އަށް ބޭންކުގެ ބްރާންޗްތަކުން ހިދުމަތް ދޭނެއެވެ.
ކޮންމެ ރޯދަމަހެއްގެ ފަހު 10 އެއް ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ އަޅުކަމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ނަމަވެސް ބޭންކިން ފަދަ ޒަރޫރީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭންކުން މިފަދަ އިންތިޒާމުތައް ހަމަޖައްސައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...