އުރީދޫން ދޭ އޭޓީވީއާރު ލިބޭ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި

ކޮންމެ ދެ މަހަކުން އެއްފަހަރު އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) އެއް ދިނުމަށް އުރީދޫ މޯލްޑިވްސް އިން ފެށި ހާއްސަ ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައި، އޭނާއަށް އިނާމު ހަވާލުކޮށްފިއެވެ.
މި ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ނ. ހޮޅުދޫ، ހަސަން ނިޝާން އެވެ. އުރީދޫގެ ފަރާތުން މިހާރު ވަނީ އޭނާއަށް ލިބުނު އޭޓީވީ ރަސްމީކޮށް ހަވާލުކޮށްފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެށި މި ޕްރޮމޯޝަން މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދެ މަހަކުން ގުރުއަތު ނަގައި، ޖުމްލަ ހަ އޭޓީވީ ނަސީބުވެރިންނަށް ދިނުމަށް އުރީދޫން ވަނީ ނިންމާފައެވެ.
މި ޕްރޮމޯޝަންގައި އުރީދޫގެ މޮބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ ނުވަތަ 5ޖީ އެއާފައިބާ ހިދުމަތް ހޯދާ ހުރިހާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެއެވެ. މީގެ ތެރޭގައި އަލަށް ގުޅޭ ކަސްޓަމަރުންނާއި މިހާރުގެ ކަސްޓަމަރުންވެސް ހިމެނެއެވެ.
ގުރުއަތުގައި ބައިވެރިވުމުގެ ޝަރުތަކީ، ކޮންމެ ގުރުއަތެއް ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތްތަކަށް މަދުވެގެން 400 ރުފިޔާ ހަރަދުކޮށްފައިވުމެވެ. އަދި ގުރުއަތު ނަގާ ތާރީހާ ހަމައަށް އެ ކަސްޓަމަރަކީ ހިދުމަތް މެދުނުކެނޑި ބޭނުންކުރާ އެކްޓިވް ކަސްޓަމަރަކަށް ވާންޖެހޭނެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...