ފޭލި ޤުރުއާން މުބާރާތުގެ ރަންވަނަތައް ތުޅާދުއަށް

Eydhafushi Timesއަތޮޅުތެރެއިން
މުބާރާތުން ވަނަތައް ހޯދި ތުޅާދޫގެ ބައެއް ދަރިވަރުން — ފޮޓޯ / ބއތމ މީޑިއާ ކްލަބް

ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން އިންތިޒާމުކޮށްގެން އޭދަފުށީގައި ބޭއްވި 21 ވަނަ ޤުރުއާން މުބާރާތުގެ މުޅި މުބާރާތުގެ ރަން ވަނަތައް ބ. ތުޅާދޫގެ ބައިވެރިން ކާމިޔާބުކޮށްފިއެވެ.

މި ރޯދަ މަހު ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފޮތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ ތުޅާދޫ ދިލްބަހާރުގެ، އަލްމާ އަޙްމަދު އަސްލަމް އެވެ. އަދި ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ އެރަށު މީޒާން، ޢައްމާރު ބިން ސަޢުދުﷲ ޙާތިމް އެވެ.

މުޅި މުބާރާތުން އެއްވަނަ ހޯދި ދެ ބައިވެރިން

ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި ޢައްމާރު ވަނީ މިދިޔަ އަހަރުވެސް މި މުބާރާތުން އެއްވަނަ ހޯދާފައެވެ. އޭނާއަށް މި އަހަރުގެ އިނާމެއްގެ ގޮތުގައި ޖަމިއްޔަތުއް ސަލަފުގެ ފަރާތުން ޢުމްރާ ދަތުރެއް ވަނީ ހަދިޔާކޮށްފައެވެ. އަދި ފޮތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި އަލްމާއަށް ސަލަފް ޖަމިއްޔާއިން ވަނީ 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ޖަލްސާގައި ވަނަވަނައަށް އައި ފަރާތްތަކަށް އިނާމާއި ޝީލްޑް އަދި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު ޢަބްދުﷲ ސައުދާން އެވެ.

މުބާރާތުގެ އެހެނިހެން ވަނަތަކަށް ބަލާއިރު، ފޮތުން ކިޔެވުމުގެ ގޮފިން ދެވަނަ ލިބުނީ ތުޅާދޫ އައިތަ، އާޔާ ޢަބްދުލްޢަޡީމް އަށެވެ. އަދި ތިންވަނަ ލިބުނީ ތުޅާދޫ އާލިޔާމަންޒިލް، ޢައިނީ އަޙްމަދު އަބްދުއްރަހީމަށެވެ. ހިތުން ކިޔެވުމުގެ ގޮފިން ދެވަނަ ތުޅާދޫ ފަލަސް، ފާޠިމަތު ނިޝްޔާ ޝުޖާއު ހޯދިއިރު، ތިންވަނަ ލިބުނީ ތުޅާދޫ އުއްތަރު، މިޢުވާން މުޢުތަޞިމް މުޙައްމަދުއަށެވެ.

މުޅި މުބާރާތުގެ ވަނަތަކުގެ އިތުރުން، އެކި އުމުރުފުރާތަކުން ދެ ގޮފިން ވަނަތައް ހޮވައި، އެ ފަރާތްތަކަށްވެސް ވަނީ އިނާމާއި ޝީލްޑް އަދި ފައިސާގެ ވައުޗާ ހަވާލުކޮށްފައެވެ.

މިއީ ފޭލި ޖަމިއްޔާއިން އޭދަފުށީގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ކާމިޔާބު މުބާރާތެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...