އޭދަފުށީގައި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ވަރަށް އަވަހަށް ހުޅުވަނީ

އޭދަފުށި ޓައިމްސްޚަބަރު

ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްޓަކައި، ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ވަރަށް އަވަހަށް އޭދަފުށީގައި ހުޅުވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު ޢަބްދުﷲ ސައުދާން ވިދާޅުވެއްޖެ އެވެ.

ސްޓޭޓް މިނިސްޓަރު ސައުދާން މިކަން އިޢުލާން ކުރެއްވީ، ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) އިން އިންތިޒާމުކޮށްގެން މި ރޯދަމަހު ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ސައުދާން ވިދާޅުވީ، އޭދަފުށީގައި ހުޅުވާ މި ގޮތްޕަށް ބޭނުންވާ ޓީޗަރުން ހޯދުމުގައި ބޮޑު އިސްކަމެއް ދެއްވާނީ މި ރަށުގެ މުދައްރިސުންނަށް ކަމަށެވެ.

“އޭގެ ސަބަބުން އަޅުގަނޑު މި ބަލަނީ މިރަށުން ހަމަ ޤުރްއާން އުނގަންނައިދޭ ޓީޗަރެއް ލިބެން ހުރިނަމަ އެ ޓީޗަރެއް މިކޮޅުން ހަމަޖައްސާނީ. ނެތިއްޖެ ކަމަށްވާނަމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބޭރުން ޓީޗަރެއް ގެންނާނީ. އެކި ޤިރާއަތްތަކަށް ކިޔަވައިދޭން އެނގޭ، އަދި އަރަބި ބަސްވެސް އުނގަންނައިދެވޭ މީހަކު މިތާގައި (އޭދަފުށީގައި) ބަހައްޓާނީ، މިރަށުގެ ކުދިންނަށް ޤުރުއާން އުނގަންނައިދިނުމަށްޓަކައި،” ސައުދާން ވިދާޅުވިއެވެ.

ސައުދާން އިތުރަށް ވިދާޅުވީ މި މަރުކަޒުގެ ޚިދުމަތަކީ ހަމައެކަނި އޭދަފުއްޓަށް އަމާޒުކުރާ ކަމެއް ނޫން ކަމަށާއި، މުޅި އަތޮޅުގެ އެހެން ރަށްތަކަށްވެސް މިކަމުގެ ފައިދާ ޝާމިލުވާނެ ގޮތަށް މި މަސައްކަތް ބައްޓަން ކުރައްވާނެ ކަމަށެވެ.

އޭދަފުށީގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވުމަކީ، މި ސަރަހައްދުގައި ދީނީ ޢިލްމާއި ޤުރުއާންގެ ފަންނު ކުރިއެރުވުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...