އެންފީލްޑުން އުފަންވި ހިޔާލު މޯޑު އެ ހަދަނީ ރާއްޖޭގެ ވަރުގަދަ ބްރޭންޑަކަށް

އަބްދުﷲ އަޝްރަފްރިޕޯޓް
މޯޑު އެންފީލްޑް ސްޓޭޑިއަމްގައި. ވިޔަފާރީގެ ހިޔާލު އުފަންވީ އެ ދަތުރުގައި

ގިނަ ބަޔަކަށް އޭދަފުށި އެނގެނީ ފުޓްބޯޅައިގެ ރަށެއްގެ ގޮތުގަ އެވެ. ފުޓްބޯޅައިން ގިނަ ކާމިޔާބީތަކެއް ހޯދާފައި އޮތުމުން އެކަންޏެއް ނޫނެވެ. ރާއްޖޭގެ ނިސްބަތުން މޮޅު ކުޅުންތެރިން އެންމެ ގިނަ އެއް ރަށަށް ވާތީ އެކަންޏެއްވެސް ނޫނެވެ. ރާއްޖޭގައި ހުރި ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ލޭންޑް މާކް ވެސް ހުރީ މިރަށުގައި. ރާއްޖޭގެ ނިސްބަތުން އެންމެ މަތީ ފެންވަރުގެ ފުޓްބޯޅަ ސްޓޭޑިއަމާއެކު އޭދަފުށީގެ ފުޓްބޯޅައިގެ މަލަމައްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ އަނެއް ތަނަކީ މިރަށަށް އުފަން މުހައްމަދު ޝަރީފް (މޯޑް ޝަރީފް) ގެ ބޫޓް ރޫމް ފިހާރަ އެވެ.

ބޫޓް ރޫމަކީ ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންގެ މެދުގައި މިހާރު މަގްބޫލު ނަމެކެވެ. ރާއްޖޭގައި އެންމެ މަތީ ފެންވަރުގައި ފުޓްބޯޅައާއި ފުޓްސަލް ކުޅެމުން އަންނަ ވަރަށް ގިނަ ކުޅުންތެރިންގެ އިތުބާރު އެ ނަމަށް މިހާރުވެސް ވަނީ ލިބިފަ އެވެ. ބޫޓް ރޫމްގެ ނަމުގައި އޭދަފުށީގައި ހުންނަ ފެރީ ޓާމިނަލްގެ ގްރައުނމްޑް ފްލޯގައި ފިހާރައެއް ހުޅުވި ފަހުން އަދި މާ ގިނަ ދުވަސްތަކެއް ނުވިއަސް އެ ހިސާބަށް އަންނަން މޯޑު ކޮށްފައިވަނީ ދިގު ދަތުރެކެވެ.

ކާމިޔާބަށް ވާސިލްވާން ކުރީ ދިގު ދަތުރެއް

ރާއްޖޭގެ ރަށެއްގައި ހުރި އެންމެ ހިތްގައިމު އެއް ސްޕޯޓްސް އައުޓްލެޓްގެ ގޮތުގައި ގިނަ ބަޔަކު ފާގަގަކުރާ ބޫޓްރޫމަކީ އެތައް ދިމާލަކުން މޯޑު އެއްތަންކުރި ވިސްނުންތަކެއްގެ ނަތީޖާ އެވެ. މި ކާމިޔާބު ދަތުރުގެ އެންމެ މުހިންމު އެއް މަންޒިލަކަށް އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކްލަބުކަމަށްވާ ލިވަޕޫލް އެފްސީ ގެ ސްޓޭޑިއަމް އެންފީލްޑެ ވުމަކީ ވެސް އާދައިގެ ކަމެއް ނޫނެވެ.  

“ބޫޓް ރޫމްގެ ނަން ކިޔަން ހިޔާލަށް އައީ 2018 ވަނަ އަހަރު ޔޫކޭއަށް ކުރި ދަތުރުގެ ތެރެއިން ލިވަޕޫލްގެ ދަނޑުގަ ހުންނަ ބޫޓް ރޫމް ކެފޭ އިން. ކުރިންވެސް ބޮލުގަ އިނދޭ އެނަން. އެކަމަކު އެ ނަން ކިޔަން ނިންމީ އެ ހިސާބުން.” ބޫޓްރޫމްގެ އުފަންވުމާ ގުޅިފައިވާ ހާދިސާގެ ވާހަކަ އީޓީ އާ ހިއްސާކުރަމުން މޯޑު ބުންޏެވެ.

ބޫޓް ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެކަމަކު ބޫޓް ރޫމްގެ ވާހަކަ އަސްލު ފަށަން ޖެހެނީ އެއަށްވުރެވެސް މާ ދުރުންނެވެ. ރައްޓެހިންގެ އެދުމުގެ މަތިން އޮންލައިންކޮށް ފުޓްބޯޅަ ބޫޓް ގެނެސްދޭން ފެށި ހިސާބަކީ މޯޑުގެ މި ވިޔަފާރީގެ ހަގީގީ ބިންގާ އެޅުނު ހިސާބެވެ. މީގެ 17 އަހަރު ކުރިން ހޮބީ އެއްގެ ގޮތުގައި މޯޑު ކުރަން ފެށި މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަން މޯޑު ވިސްނަން ފެށީ ޔޫކޭ ދަތުރަށްފަހު އެވެ.

އެ ދަތުރަށްފަހު ބޫޓް ރޫމްގެ ނަމުގައި މޯޑު ފޭސްބުކާއި އިންސްޓަގްރާމުގައި އެކުއުންޓެއް ހުޅުވައި އަޖުމަ ބަލަން ފެށި އެވެ. އެކަމަކު ކުރިއަށް ކަނޑާ ގޮތެއް ނުވި އެވެ. އެ ހިސާބުން މޯޑުއަށް މަޖުބޫރުވީ ވިޔަފާރި ފުޅާކުރެވޭނެ އާ ގޮތްތަކެއް ހޯދާށެވެ.

ފިޔަވަޅު ލަސްވިޔަސް ކުރިއަށްދިޔައީ ޔަގީންކަމާއެކު

ބޫޓް ރޫމް ހިންގިއަސް މޯޑުގެ އަސްލު މަސައްކަތަކީ ރިސޯޓް ވަޒީފާ އެވެ. އޮންލައިންކޮށް ބޫޓް ގެންނަން ފެށުމުގެ އެއް އަހަރު ކުރިން ވެލިގަނޑު އައިލެންޑް ރިސޯޓުގެ އެކައުންޓް ޕޭޔަބަލްއެއްގެ ވަޒީފާއާ ގުޅުނު މޯޑަކީ މިއަދު އެ ރިސޯޓްގެ ޗީފް އެކައުންޓެންޓެވެ. ރިސޯޓް ވަޒީފާގައި އުޅެމުން ލިބޭ ޗުއްޓީގައި ރާއްޖެއިން ބޭރަށް ދަތުރުކޮށް އެކި ތަންތަން ބެލުމަކީ މޯޑުގެ އެއް ޝައުގެވެ. ބޫޓް ރޫމްގެ ވިސްނުން އުފަންވި ހިސާބުން އެ ދަތުރުތަކުގެ މައިގަނޑު އަމާޒަކަށް މޯޑު ހެދީ ވިޔަފާރި އިތުރަށް ފުޅާކުރާނެ މަގުތައް ހޯދުމެވެ.

އެއާއެކު ދަތުރުކުރާ ތަންތަނުގައި ހުންނަ ސްޕޯޓްސް އައުޓްލެޓް ތަކަށް ޒިޔާރަތްކޮށް އެތަންތަން ފަރުމާކޮށްފައި ހުންނަ ގޮތް މޯޑް ބަލަން ފެށިއެވެ. ދުނިޔޭ އެންމެ މަގްބޫލް ވިޔަފާރީގެ މަންޒިލްތައް ކަމަށްވާ ދުބާއީ އާއި ޗައިނާގެ ގުއާންޒޯ ފަދަ ސިޓީތަކުގައި އޮންނަ ވިޔަފާރީގެ ބޮޑެތި ފެއާތަކުގައި ބައިވެރިވެ ފުރުސަތުތައް ފަހިކުރަން މަސައްކަތްކުރި އެވެ. މޯޑުގެ ނަސީބު އަތުގަ ހިފީ އެ ހިސާބުންނެވެ.

“ރަގަޅު ބަޔަކާ ދިމާވި ހިސާބުން ދެން އިތުރަށް ވިސްނަންވެސް ބޭނުން ނުވީ. އޭރު އެއީ އަޅުގަނޑަށް ވަރަށް ފަރިތަ ވިޔަފާރިއަކަށް ވުމާއެކު ޝިޕްމަންޓްގެ ގޮތުގައި ބޫޓް ގެނެސްގެން ވިއްކަން ފެށުން އެއީ ރިސްކެއްވެސް އޮތް ކަމެއް ނޫން ކަމަށް ގަބޫލުކުރެވޭތީ އެގޮތަށް ފެށީ.” މޯޑް ކިޔައިދިނެވެ.

އެއީ 2024 ވަނަ އަހަރުގެ ޖުލައި މަހެވެ. ވިޔަފާރިއާ ދޭތެރޭ އޮތް ޔަގީންކަމާއެކު ފުރަތަމަ ޝިޕްމަންޓް ގެންނަން ވެސް މޯޑު ހަރަދުކުރީ އަމިއްލައަށެވެ. 250 ބޫޓް ހިމެނޭ އެ ޝިޕްމަންޓް ގެނެސް ސޯޝަލް މިޑިއާގަ އާންމު ކުރި ހިސާބުން ދެނަކާ ދެނެއް ނެތެވެ. ބޫޓްތައް އަރައިގެން ދިޔައީ މޯޑު ހީކުރި ވަރަށްވުރެވެސް މާ އަވަހަށެވެ. ދެވަނަ ޝިޕްމަންޓަކަށް މޯޑު އޯޑަރު ޖެހި އިރު ފުރަތަމަ ޝިޕްމަންޓް އައިތާ އޭރު އަދި ކިރިއާ މަހެއް ހަމަވީ އެވެ.

ކުރިއެރުން ލިބުނީ ރަށު ކުޅުންތެރިންގެ އެހީއާއެކު

ބޫޓް ރޫމްގެ މަގްބޫލްކަން އިތުރުވުމުގައި އޭދަފުށީގައި ތިބި ހުނަރުވެރި މޮޅު ކުޅުންތެރިންގެ ހިއްސާ ބޮޑެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން 2024 ވަނަ އަހަރުގެ ފަހު ކޮޅު މާލޭގައި ބާއްވި ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޭދަފުށި ޓީމުގެ ގިނަ ކުޅުންތެރިން މުބާރާތް ކުޅުނީ މޯޑުގެ ފިހާރައިން ގަތް ބޫޓުގަ އެވެ. އެ ކުޅުންތެރިންގެ ފަރާތުން ލިބުނު ރަގަޅު ފީޑް ބެކް ވެގްން ދިޔައީ ބޫޓް ރޫމް މުޅި ރާއްޖެއަށް މަޝްހޫރުވި އެއް ސަބަބަށެވެ.

މޯޑްގެ މޭސްތިރިކަމުގައި ބިނާކުރި ބޫޓް ރޫމުން ކުރު މުއްދަތެއްގެ ތެރޭގައި ވަނީ ތާރީހީ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. ސާކް ސަރަހައްދުގައި ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތުން ރަން މެޑަލް ހޯދި ރާއްޖޭގެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ތެރޭގައި ބޫޓް ރޫމުން ހިދުމަތް ހޯދި ކުޅުންތެރިންނާއި އޮފިޝަލުން ގިނަ އެވެ. ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރި ރާއްޖޭގެ އަންހެން ފުޓްސަލް ޓީމުގެ 14 ކުޅުންތެރިންގެ ތެރެއިން 11 ކުޅުންތެރިން ބޫޓް ގަތީ މޯޑްގެ ފިހާރައިންނެވެ.

ވިޔަފާރީގެ ކާމިޔާބާއެކު ރަށުގެ ކުރިއެރުމަށް އަމާޒު ހިފާފައި

ބޫޓްރޫމްގެ ފިހާރަ އަކަށް ފުރަތަމަ ވީ މޯޑުގެ ނިދާ ކޮޓަރި އެވެ. ލިފްޓް ނެތް އިމާރާތެއްގެ ތިން ވަނަ ފަންގިފިލާގައި ހުންނަ ތަނަކަށް ވުމާއެކު ކަސްޓަމަރުންގެ ޝަކުވާ މޯޑުއާ ހަމައަށް އެހިސާބުން އަންނަން ފެށި އެވެ. ބޫޓް ރޫމަށް ހާއްސަ ފިހާރައެއް ހުޅުވަން މޯޑު ނިންމީ އެއް ސަބަބަކީ އެއީ އެވެ.

ބޫޓް ރޫމްގެ ފިހާރަ ހުޅުވަން ނިންމި ހިސާބުންވެސް މޯޑުގެ ވަރުގަދަ އަމާޒެއް އޮތެވެ.

“އޭދަފުށްޓަކީ ރާއްޖޭގެ ނިސްބަތުން އެންމެ ފެންވަރު ރަގަޅު ސްޓޭޑިއަމާއި، އެންމެ ރަގަޅު ޖޯޒީ ހަދާ ފެކްޓަރީ ހުރި ރަށަށް ވީމަ އަޅުގަނޑު ބޭނުންވީ ބޫޓް ރޫމް ވެސް އެ ލެވެލްގެ ތަނަކަށް ވާން.” “އީޓީ” އާ ވާހަކަ ދައްކަމުން މޯޑު ބުންޏެވެ.

މޯޑް ބައްޕަ އާއި މަންމައާއެކު

ބޫޓް ރޫމްގެ ކާމިޔާބާއެކު މޯޑުގެ ދަތުރު އަދި ނިމުނީ އެއް ނޫނެވެ. އޭދަފުށީގެ ފުޓްބޯޅައިގެ ކުރިއެރުމަށް ބޫޓް ރޫމުން މިހާރުވެސް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން އެހެން ލެވަލްއަކަށް ގެންދިއުމަކީ މޯޑުގެ އަމާޒެކެވެ. އޭދަފުށީގައި އުފައްދާފައިވާ އާ ޖީލަކަށް އެކަޑަމީއާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން އަންނަ އޭޕްރީލް މަހު ބޫޓް ރޫމުން އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތަކީ އޭގެ ފެށުމެކެވެ. އޭދަފުށި ވެސްޓް ވިންގް ޖަމިއްޔާ އުފެއްދުމުގައިވެސް އިސް ދައުރެއް އަދާކުރި މޯޑުގެ ހިތުގައި ރަށުގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އޮތީ ވަރުގަދަ ލޯތްބެކެވެ.     

ކޮމެންޓްސް (0)

ލޯޑް ކުރަނީ...