މަސްތުވާތަކެތީގެ މައްސަލައެއްގައި އޭދަފުށިން އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި

ބ. އޭދަފުށީގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ރަށުން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. އޭދަފުށި / އަޅިވިލާގެ، އަސްރަފް ޔޫސުފް (34އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މި މާރިޗު މަހުގެ 13 ވަނަ ދުވަހުގެ ރޭ އޭދަފުށީ މަގުމަތިން ހުއްޓުވައި ބަލައިފާސްކުރުމަށްފަހުގައެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ވަނީ ފެނިފައެވެ.
އަސްރަފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި އޭދަފުށިން މީހަކު ހައްޔަރުކޮށްފައި މިވަނީ، މިދިޔަ ހަފްތާގައިވެސް އެ ރަށުން މިފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައި ވަނިކޮށެވެ.
އޭދަފުށީގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ގެންދަނީ ސިލްސިލާ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...