އޭދަފުށީގައި ޕެޓްރޯލް ލީޓަރެއް 30 ރުފިޔާއަށް

އޭދަފުށި ޓައިމްސްޚަބަރު

ބ. އޭދަފުށީގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ވަރަށް ބޮޑަށް އުފުލި، އާންމުންނަށް ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

Advertisement

މި ބަދަލާއެކު އެ ރަށުގައި މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަމުންދަނީ 30 ރުފިޔާއަށެވެ.

އޭދަފުށީގައި އަމިއްލަ ފަރާތްތަކުން ވިއްކާ ތެލުގެ އަގަށް ބަލާއިރު، ކުރިން 15.19 ރުފިޔާއަށް ލިބެން ހުރި ޑީސަލް ލީޓަރެއްގެ އަގު މިހާރު ވަނީ 31 ރުފިޔާއަށް ބޮޑުވެފައެވެ. މިއީ ކުރީގެ އަގާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު އިތުރުވުމެކެވެ.

މި ބަދަލު އައިސްފައިވަނީ އެސްޓީއޯއިން އަމިއްލަ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު މިއަދު ވަރަށް ބޮޑަށް ބޮޑުކުރުމާ ގުޅިގެންނެވެ.

އަތޮޅުތެރޭގެ އަގުތަކަށް މިފަދަ ބޮޑު ބަދަލެއް އައި ނަމަވެސް، މާލެ ސަރަހައްދުގައި އެސްޓީއޯއިން އާންމުންނަށް ތެޔޮ ވިއްކާ އަގަށް އިތުރު ބަދަލެއް ގެނެސްފައެއް ނުވެއެވެ. މާލޭގައި އަދިވެސް ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ލިބެން ހުރެއެވެ.

ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުވުމުގެ ނޭދެވޭ އަސަރު އަތޮޅުތެރޭގައި ދޭ އެހެނިހެން ހިދުމަތްތަކަށް ވެސް ވަނީ ކުރަން ފަށާފައެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ކުރާ ލޯންޗު ދަތުރުތަކުގެ އަގު މިހާރު ދެގުނައަށް ބޮޑުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެސްޓީއޯއިން ތެލުގެ އަގަށް މި ބަދަލު ގެނައީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އިންތިހާއަށް އުފުލެމުންދާތީ ކަމަށް ބެލެވެއެވެ. މި ބަދަލުގެ ސަބަބުން އަތޮޅުތެރޭގެ ދަތުރުފަތުރާއި އާންމު ދިރިއުޅުމުގެ ހަރަދުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...