އޭދަފުށީގައި ބާއްވަން ނިންމި ވިޔަފާރި އެކްސްޕޯ ފަސްކޮށްފި

Eydhafushi Timesވިޔަފާރި
ވިޔަފާރި އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކުރުން — ފޮޓޯ/ޕީއެސްއެމް

ރާއްޖޭގެ އަތޮޅުތެރޭގެ ރަށެއްގައި ބޭއްވުމަށް ތައްޔާރުވަމުން އައި އެންމެ ބޮޑު ވިޔަފާރި އެކްސްޕޯ ކަމަށްވާ “ބިޒްނަސް އެކްސްޕޯ” ފަސްކޮށްފި އެވެ.

Advertisement

މި އެކްސްޕޯއަކީ ހައިރައިޒް ޕްރައިވެޓް ލިމިޓެޑާއި، ބ. އަތޮޅު ކައުންސިލް އަދި އޭދަފުށީ ކައުންސިލް ގުޅިގެން ބ. އޭދަފުށީގައި ބޭއްވުމަށް ތައްޔާރުވަމުން އައި ހަރަކާތެކެވެ. ކުރިން ތާވަލުކުރެވިފައި އޮތީ މި ރަމަޟާން މަސް ނިމި، ހަ ރޯދައަށްފަހު އޭދަފުށީގައި މި އެކްސްޕޯ ކުރިއަށް ގެންދިއުމަށެވެ.

މި އެކްސްޕޯ ފަސްކުރަން ނިންމި ސަބަބުތަކާ ގުޅޭގޮތުން އިންތިޒާމުކުރާ ފަރާތުން ބުނީ، މިވަގުތުގެ ހާލަތަށް ބަލައި އެކްސްޕޯގެ ފެންވަރާއި އޭގެން ލިބޭނެ ފައިދާއަށް ރިއާޔަތްކުރިއިރު، އެންމެ އެދެވޭ ނަތީޖާއެއް ނެރެވޭނީ އެކްސްޕޯ ފަސްކޮށްގެން ކަމަށް ފެންނާތީ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރެންޑަމްގެ މަސައްކަތުގައި ކައުންސިލްތަކާއި އާންމުން ވަރަށް ބޮޑަށް މަސްއޫލުވެ އުޅެންޖެހުމަކީ އެކްސްޕޯ ފަސްކުރަން ޖެހުނު މައިގަނޑު އެއް ސަބަބެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ މަސްރަހަށް އައި ކުއްލި ބަދަލުތަކާ ގުޅިގެން، އެކްސްޕޯގައި ބައިވެރިވާނެކަމުގެ ޔަގީންކަން ދީފައިވާ ބައެއް ބޮޑެތި ކުންފުނިތަކަށް މިވަގުތު ބައިވެރިވެވޭގޮތް ނުވުމަކީވެސް މި ނިންމުން ނިންމަން ޖެހުނު ސަބަބެއް ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ.

މި އެކްސްޕޯއަކީ މާލޭގެ ބޮޑެތި ކުންފުނިތަކަށާއި މަޝްހޫރު ބްރޭންޑްތަކަށް އަތޮޅުތެރޭގެ މާކެޓަށް ވަނުމަށް ލިބޭނެ ވަރަށް ފަހި ފުރުޞަތެކެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނާއި ކަސްޓަމަރުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، އުފެއްދުންތަކާއި ޚިދުމަތްތައް ތަޢާރަފް ކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޚާއްޞަ އީދު ޝޯވއަކާ އެކު ކުރިއަށް ގެންދަން ނިންމާފައިވާ މި އެކްސްޕޯ ދެން ބާއްވާނެ ވަކި ތާރީޚެއް ފަހުން އިޢުލާން ކުރާނެ ކަމަށްވެސް އެ ފަރާތުން ބުނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...