ލާމަރުކަޒީ ނިޒާމުގެ އަސްލަކީ މައުމޫން: ސަލީމް

އޭދަފުށި ޓައިމްސްޚަބަރު
އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް – ފޮޓޯ: އެމްއެމްޓީވީ

ލާމަރުކަޒީ ނިޒާމަކީ އިދިކޮޅު އެމްޑީޕީގެ އަމިއްލަ އެއްޗެއް ކަމަށް ބުނަމުންދިޔަ ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށާއި އެ ނިޒާމުގެ ބިންގާ އެޅުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ވިދާޅުވެއްޖެ އެވެ.

Advertisement

ޕީއެންސީގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ރާއްޖޭގައި “ލާމަރުކަޒީ” މި ނަން ވެސް އެންމެ ފުރަތަމަ އިވިގެންދިޔައީ ރައީސް މައުމޫންގެ ދޫފުޅުން ކަމަށެވެ. އަދި އެ ދުވަސްވަރު އެޓޮލްސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ހަމީދާއި، އިލްޔާސް އިބްރާހިމް އަދި ވަހީދުއްދީން މި ނިޒާމު ގާއިމްކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި އެމްޑީޕީން ވެރިކަމުގައި ތިބި ދުވަސްވަރު މަސައްކަތް ކުރެއްވީ ލާމަރުކަޒީ ނިޒާމު ފުނޑާލުމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ޕްރޮވިންސް ނިޒާމު ތައާރަފުކޮށް ހިންގުމުގެ ނިޒާމު އޮޅުވާލި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

 “މި މީހުންނަކީ އެއްވެސް ހާލެއްގައި މިކަހަލަ އެއްވެސް ނިޒާމެއް ގަބޫލުކުރާ ބައެއް ނޫން،” ސަލީމް ވިދާޅުވި އެވެ.

ދައުލަތުގެ އެކި މަގާމުތަކުގައި 45 އަހަރު ހޭދަކުރައްވާފައިވާ ސަލީމް ވިދާޅުވީ، ރައީސް އިބްރާހިމް ނާސިރުގެ ދައުރުން ފެށިގެން މިއަދާ ހަމައަށް އެތައް ވެރިންނެއް ފެނިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާ، ހެޔޮއެދޭ ވެރިއަކު ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމްގެ ވާހަކަ ނިންމަވާލެއްވީ ރައީސް މުއިއްޒަށް އޮތް ބޮޑު އިތުބާރަކާ އެކުގަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ޖެހިޖެހިގެން ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެ ފުރަތަމަ ބޭފުޅަކަށް ވެސް ވެވަޑައިގަންނަވާނީ ރައީސް މުއިއްޒު ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...