ލޯންޗު ޓިކެޓުގެ އަގުތައް ރެކޯޑް އަދަދަކަށް އުފުލިއްޖެ!

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލް ވިއްކާ އަގުތައް އުފުލި، އަތޮޅުތެރެއަށް ކުރާ ލޯންޗު ދަތުރުތަކުގެ އަގުތައް ރެކޯޑް މިންވަރަކަށް ބޮޑުކޮށްފި އެވެ.

ތެލުގެ އަގަށް އައި ކުއްލި ބަދަލާ އެކު، ކުރިއަށް އޮތް ފިތުރު އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ލޯންޗުތަކުގެ ޓިކެޓު އަގުތަކަށް ވަނީ އިއްޔެއިން ފެށިގެން ބޮޑު ބަދަލެއް އައިސްފަ އެވެ.
އެގޮތުން މާލެއިން ބ. އޭދަފުއްޓަށް ކުރާ ދަތުރުތަކުގެ ޓިކެޓެއްގެ އަގު މިހާރު ވަނީ 850 ރުފިޔާ އަށް އުފުލިފަ އެވެ. އަދި ރ. އަތޮޅުގެ ރަށްރަށަށް ދަތުރުކުރާ ލޯންޗުތަކުގެ ޓިކެޓް އަގު ވަނީ 1,000 ރުފިޔާ އަށް ބޮޑުވެފަ އެވެ.
މި ރޯދަމަސް ފެށުނުއިރު އޭދަފުއްޓަށް ދަތުރުތައް ކޮށްފައިވަނީ 500 ރުފިޔާ އަށެވެ. އަދި ރ. އަތޮޅުގެ ރަށްރަށަށް އޭރު ދަތުރުކުރަމުން އައީ 700 އާއި 750 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. މިއީ އާންމު ރައްޔިތުންނަށް، ހާއްސަކޮށް އީދަށް ރަށަށް ދާން ބޭނުންވާ މީހުންނަށް ކުރިމަތިވާނެ ބޮޑު ތަކުލީފެކެވެ.
ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރާ އަމިއްލަ ލޯންޗުފަހަރުގެ ޓިކެޓުގެ އަގުތައް މިހާ ބޮޑަށް އުފުލިފައިވާއިރު، ސަރުކާރުގެ ކުންފުނި އެސްޓީއޯއިން ވަނީ މިކަމަށް ހައްލެއް ހޯދައިދިނުމަށް ނިންމާފަ އެވެ. އެގޮތުން ލޯންޗު އޮޕަރޭޓަރުންނަށް ކުރީގެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން އެސްޓީއޯއިން މިހާރު ވަނީ ނިންމާފަ އެވެ.

ކޮމެންޓްސް (0)
ލޯޑް ކުރަނީ...