އޭދަފުށީގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ހުޅުވައިފި

އޭދަފުށި ޓައިމްސްޚަބަރު

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ބ. އޭދަފުށީގައި ފިއުލް ސްޓޭޝަނެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

Advertisement

މިއީ މަސްވެރިންނަށް ދިމާވެފައިވާ ތެޔޮ ލިބުމުގެ ދަތިތަކާއި ޝަކުވާތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އެސްޓީއޯއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 18 ފިއުލް ސްޓޭޝަނެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، އޭދަފުށީގެ އިތުރުން މިހާތަނަށް ރ. ދުވާފަރު، ހދ. ހަނިމާދޫ އަދި ހއ. އިހަވަންދޫގައި ވަނީ ޚިދުމަތް ދޭން ފަށާފައެވެ. މީގެ އިތުރުން ށ. މިލަންދޫގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ފ. ނިލަންދޫގައި ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ދަނީ ކުރިއަށެވެ.

ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގެ ދަށުން ނ. މަނަދޫ، ގދ. ފަރެސްމާތޮޑާ، ވ. ފެލިދޫ، ތ. ހިރިލަންދޫ، އއ. މަތިވެރި، މ. މުލައް، ދ. ކުޑަހުވަދޫ އަދި ލ. ގަމުގައިވެސް ސްޓޭޝަންތައް ޤާއިމްކޮށް ނިންމުމެވެ. މީގެ އިތުރުން، ޏ. ފުވައްމުލަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިތުރު ބައުޒަރެއް އޮޕަރޭޓްކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މިހާރުވެސް އެފްއެސްއެމްގެ ޚިދުމަތް މާލޭގެ އިތުރުން އައްޑޫ ސިޓީގެ ގަން އަދި ހުޅުމީދޫ، ފުވައްމުލައް، ކޫއްޑޫ، ތިނަދޫ އަދި ފެލިވަރުގައި ދަނީ ދެމުންނެވެ. މި މަޝްރޫޢު ނިމުމުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް އަގަކަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހި، މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...