ބިން ދައުލަތަށް ދޫކޮށްލަންޖެހޭ ހާލަތުގައި އާއިލާ މީހަކަށް ދެވޭގޮތް ހަދަނީ

ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ބިމަށް ކުރިމަތިލާ މީހުންގެ ތެރެއިން ބިން ދޫކޮށްލަން ޖެހޭ ހާލަތުގައި ތިބި މީހުންގެ ބިންތައް ދައުލަތަށް ނެގުމުގެ ބަދަލުގައި އެ ބިންތައް އާއިލާ މީހަކަށް ދެވޭ ގޮތަށް ބަދަލުގެންނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ނޫސްވެރިންނާ ބައްދަލުކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާއިލީ ބޯހިޔާވަހިކަމުގެ ތެރެއިން ގޯއްޗާއި ފްލެޓަށް އެދޭއިރު 400 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮންނަ މީހުން އެބައި ދައުލަތަށް ދޫކޮށްލަން ޖެހޭގޮތަށް އުސޫލުގައި އޮތްބައި އިސްލާހުކުރަން ނިންމާފައިވާ ކަމަށެވެ.
ދައުލަތަށް ދޫކޮށްލުމުގެ ބަދަލުގައި އެ ބިން، އަނބިމީހާ/ފިރިމީހާ ނުވަތަ ދަރިން އަދި އެއްބަނޑުއެއްބަފާ މީހުންގެ ތެރެއިން ބިން ބޭނުންވާ މީހަކަށް ދޫކޮށްލެވޭ ގޮތަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު، މިދިޔަ ވެރިކަމުގައި ވެސް ގޯއްޗާއި ފްލެޓް ލިބުނު މީހުންނަށް ވެސް މި ފުރުސަތު ލިބިގެންދާނެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރަށް ތަނެއް ނަގާނީ، އެއީ ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ސްކީމުން ތަނެއް ދޫކޮށްފައިވާ ހާލަތުގައި އެކަނި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބިން ލިބުމާއެކު ވަރަށް ގިނަ މީހުން އެތަންތަނަށް އިންވެސްޓްކޮށްފައިވާ ކަމަށެވެ. އެފަދަ ހާލަތެއްގައި ސަރުކާރަށް ބިން ނެގުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...