އޭދަފުށި ފުޓްސަލް ކަޕް 2026: އެންމެ ފަހުގެ ޗެމްޕިއަނުން ކަޓުވާލައި ސެމީގެ ޓީމުތައް ޔަގީން ކޮށްފި

އޭދަފުށި ފުޓްސަލް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ސީސީ ސްޕޯޓްސް ކްލަބް ކަޓުވާލައި ކުރީ ދެ އަހަރުގެ ޗެމްޕިއަން އަފްރޯ ސްޕޯޓްސް ކްލަބް ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ކުއާޓާ ފައިނަލްގެ ހަތަރު މެޗު ވެސް ރޭ ކުޅެފައި ވާއިރު، އެފްރޯ އިން ސީސީ ބަލި ކުރީ 6-0 އިންނެވެ. މި މެޗުގައި ލަނޑުތައް ވެސް ޖެހީ ތަފާތު ހަ ކުޅުންތެރިންނެވެ. އެއީ އުނެއިސް ޒުބެއިރު، މުއާޒް އަލީ، މުހައްމަދު ފާސިރު (ފާއްޓޭ)، ހަމްދާން އަބްދުއްސައްތާރު، އަލީ އައިކް ރަޝީދު އަދި މުހައްމަދު ހަންމާދު (ހަންމި) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފާއްޓޭ އެވެ.
މި މެޗުގެ ކުރިން ކުއާޓާގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މުރިނގު އެފްސީ އާއި ވެލާ ސްޕޯޓްސް ކްލަބެވެ. މި މެޗު 4-1 އިން ކާމިޔާބުކޮށް ސެމީ އަށް ދަތުރު ކުރީ މުރިނގެވެ. މުރިނގުގެ ހުސެއިން ޝަރީފް (މުޑާ) އާއި އިބްރާހިމް ޝަރީފް (ލުއްޑަ) ވެސް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ވެލާގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިބްރާހިމް ސިނާހު (ސިނާ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޑާ އެވެ.

ކުއާޓާގެ ތިންވަނަ މެޗުގައި އެއިޓީފޯ އެފްސީ ވަނީ ޕެނަލްޓީ ޖަހައިގެން އޯލް ވުލްވްސް ބަލި ކޮށްފަ އެވެ. ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ އެއްވަރު ވީ 3-3 އިންނެވެ. އެއިޓީފޯގެ މުހައްމަދު އަޖުފާން ދެ ލަނޑު ޖެހި އިރު މުހައްމަދު ހައްސާން އަހުމަދު ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. ވުލްވްސްގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ރަފްހާން، އިމްތިޝާލް އަބްދުއްރަހީމް (ޕަބް) އަދި އަހުމަދު ފާތިން (އަންމު) އެވެ. ޕެނަލްޓީގައި އެއިޓީފޯ ކުރި ހޯދީ 8-7 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަޖުފާން އެވެ.

ޖުމްލަ 12 ޓީމާ އެކު، މި މުބާރާތް ފެށީ ޓީމުތައް ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް އޭގެ އެއްވަނަ ހޯދީ ހަތް ޕޮއިންޓް ހޯދި މުރިނގެވެ. ކޭބަލް ބްރަދާސް ފަސް ޕޮއިންޓާ އެކު ދެވަނަ ހޯދި އިރު ތިންވަނައަށް ދިޔައީ ތިން ޕޮއިންޓް ލިބުނު ސީސީ ސްޕޯޓްސް އެވެ. ހަތަރުވަނައިގައި ނިންމީ ބްރަދަހުޑް އެފްސީ އެވެ. ގުރޫޕް ބީގެ ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން އަފްރޯ އެއްވަނަ ހޯދި އިރު ދެވަނައިގައި ނިންމީ އޯލް ވުލްވްސް އާއި ތިންވަނައިގައި ނިންމި ނަލަ ބްރަދާސް ވެސް ހަތަރު ޕޮއިންޓް ހޯދި އެވެ. ފުލަށް ދިޔައީ އެފްސީ ސަޑަންލީ އެވެ. އެއިޓީފޯ ވެސް ވަނީ ގުރޫޕް ސްޓޭޖުގައި، ގުރޫޕް ސީގެ ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ދެވަނައިގައި ނިންމި ވެލާ އާއި ތިންވަނައިގައި ނިންމި ސީސީ ދަ ރެޑްސް އަދި ފުލަށް ދިޔަ ކްލަބް ފޯކަސް ވެސް ތިން ޕޮއިންޓް ހޯދި އެވެ.

ކުއާޓާގައި ވާދަ ކުރީ ތިން ގުރޫޕްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމުގެ އިތުރުން ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދެ ޓީމެވެ.
ސެމީ ފައިނަލްގެ މެޗުތައް ކުޅޭނީ އަންގާރަ ދުވަހުގެ ރެއެވެ. ފުރަތަމަ ސެމީ 20:15 ގައި ފެށުމަށް ހަމަޖެހިފައި ވާއިރު، ބައްދަލުކުރާނީ މުރިނގާއި އެއިޓީފޯ އެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ އަފްރޯ އާއި ކޭބަލް ބްރަދާސް އެވެ. މި މެޗު ފަށާނީ 21:45 ގަ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގަ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...