އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި އެ އިދާރާތަކުގައި ގާއިމުކުރާނީ އެލްޖީއޭގެ އޮފީސްތަކެއް: މިނިސްޓަރު

އޭދަފުށި ޓައިމްސްޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބަށްފަހު، އަތޮޅު ކައުންސިލްތައް އުވޭ ހިސާބުން ދެން ރައްޔިތުންނަށް ޚިދުމަތްދޭން އެ ތަންތަނުގައި ގާއިމުކުރާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އޮފީސްތައް ކަމަށާއި، ބްލޮކްގްރާންޓްގެ ގޮތުގައި އިތުރުވާ ފައިސާ ބަހާނީ ކައުންސިލްތަކުގެ މެދުގައި ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ،  އާ ކައުންސިލްތައް ހުވާކުރާ ހިސާބުން އަތޮޅު ކައުންސިލްތައް އުވިގެން ދިޔަ ނަމަވެސް، އެލްޖީއޭގެ އޮފީސްތައް މެދުވެރިކޮށް މިހާރުވެސް އަތޮޅު ކައުންސިލްތަކުން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމަށެވެ.

އެގޮތުން އައިޑީކާޑު ހެދުން ފަދަ މުހިންމު ޚިދުމަތްތަކާއި އާންމުންނަށް ބޭނުންވާ އެހެނިހެން ކަންކަން އެއްވެސް ދަތިކަމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ އެކެއްގައެވެ. މި ބަދަލާ ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނަނީ މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިނިސްޓަރު އާދަމް ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލާއެކު މިހާރު އަތޮޅު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާއަށް އެއްވެސް ނުރައްކަލެއް ނެތެވެ. އަދި އަތޮޅުތަކަށް ނިސްބަތްވާ ވަސީލަތްތަކާއި މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީވެސް، އެލްޖީއޭގެ އޮފީސްތަކުގެ އިދާރީ އޮނިގަނޑުގެ ތެރެއިން އެ އަތޮޅަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އަތޮޅު ކައުންސިލްތައް އުވުމުން ބްލޮކް ގްރާންޓުގެ ގޮތުގައި ސަލާމަތްވާ ފައިސާ، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެދުގައި ބަހާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ސަބަބުން ރަށު ފެންވަރުގައި ހިންގާ ހަރަކާތްތަކަށް އިތުރު މާލީ ތަނަވަސްކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...