އޭދަފުށި ފުޓްސަލް ކަޕް: އަފްރޯ އާއި އެއިޓީފޯ ފައިނަލަށް

އޭދަފުށީ ފުޓްސަލް ކަޕްގެ ފައިނަލަށް އަފްރޯ ސްޕޯޓްސް ކްލަބާއި އެއިޓީފޯ އެފްސީ ދަތުރު ކޮށްފި އެވެ
މުބާރާތުގެ އެންމެ ކާމިޔާބު އަފްރޯ ފައިނަލަށް ދަތުރު ކުރީ މިރޭ ކުޅުނު ސެމީ ފައިނަލްގައި 8-4 އިން ކޭބަލް ބްރަދާސް ބަލި ކޮށްގެންނެވެ.
މި މެޗުގައި އަފްރޯގެ މުހައްމަދު ފާސިރު (ފާއްޓޭ) ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. މެޗުގެ ވަރަށް ކުރީކޮޅު ފުރަތަމަ ދެ ލަނޑު ވެސް ޖެހީ އޭނާ އެވެ. އޭގެ ފަހުން އެ ޓީމުގެ ތިންވަނަ ލަނޑު އުނެއިސް ޒުބެއިރު ޖެހީ ކީޕަރު ކައިރިން ނައްޓާލައިފަ އެވެ.

މި ހާފު ނިމެން ފަސްވަނަރަކަށް މިނިޓަށް ވެފައި ވަނިކޮށް އަފްރޯގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ހަމްދާން އަބްދުއްސައްތާރެވެ.އޭގެފަހުން ހާފު ނިމެން 16 ވަރަކަށް ސިކުންތަށް ވެފައި ވަނިކޮށް ކޭބަލް ބްރަދާސްގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަލީ ރީހާނެވެ.
ކޭބަލް ބްރަދާސް އިން ދެން ޖެހި ތިން ލަނޑު ވެސް ޖެހީ ދެވަނަ ހާފުގައި އަފްރޯ ހަތަރު ލަނޑު ޖެހި ފަހުންނެވެ.ދެވަނަ
ދެވަނަ ހާފުގައި އަފްރޯގެ ތިން ލަނޑު ފާއްޓޭ ޖެހި އިރު އަނެއް ލަނޑު ޖެހީ ހަމްދާނެވެ. ފަހު ފަސް މިނިޓު ތެރޭ ކޭބަލް ބްރަދާސް އަށް ލަނޑުތައް ޖަހައިދިނީ މިމްރާހް އަބްދުލް އަޒީޒާއި އަނަސް މުހައްމަދެވެ. ފަހު ދެ ލަނޑު ޖެހީ އަނަސް އެވެ.

އެއިޓީފޯ މޮޅުވީ މުރިނގު އެފްސީއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. ފަހަތުން އަރައި 4-4 އިން މުރިނގާ އެއްވަރުކޮށް ޕެނަލްޓީގައި އެއިޓީފޯ މޮޅުވީ 5-4 އިންނެވެ.
ފުރަތަމަ ހާފުގައި މުރިނގު ވަނީ ދެ ގޯލު ޖަހައިފަ އެވެ. ހަތަރު ވަނަ މިނިޓުގައި ހައްފާފް ސިދުގީ ލީޑު ނަގައިދިން އިރު އޭގެ ތިން މިނިޓު ފަހުން ދެވަނަ ލަނޑު ޖަހައިދިނީ އިބްރާހިމް ޝަރީފް (ލުއްޑަ) އެވެ.
އެއިޓީފޯ އިން ވަނީ ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓުގައި މުހައްމަދު އަޖުފާންގެ ގޯލަކުން ފަރަގު ކުޑަ ކޮށްފަ އެވެ. އޭގެ ދެ މިނިޓު ފަހުން އިސްމާއިލް ޝަރީފް (ކާޑެ) މުރިނގަށް އަލުން ދެ ގޯލުގެ ލީޑެއް ނަގައިދީފައި ވަނިކޮށް މިނިޓެއް ތެރޭ އެއިޓީފޯ އިން އަނެއްކާ ފަރަގު ކުޑަ ކުރީ ހުސެއިން ޝިހުބާން (ބައްޓޭ) ގެ ގޯލަކުންނެވެ. އަދި ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ބައްޓޭ ވަނީ ކީޕަރު ބޯ މަތިން ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިގެން އެއިޓީފޯ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް އިބްރާހިމް ސިމާހު (ތަޑޭ) ވަނީ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިގެން މުރިނގަށް އަލުން ލީޑު ހޯދައިދީފަ އެވެ. ނަމަވެސް އޭގެ ތިރީހަކަށް ސިކުންތު ތެރޭ މުހައްމަދު ހައްސާން އަހުމަދު ވަނީ އެއިޓީފޯ އަށް އަލުން ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
އެއިޓީފޯގެ ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ ޝާފީ އަލީ، ސުލްތާން ހަބީބު، ބައްޓޭ، މުހައްމަދު ޖަޒްލާން އަދި އަލީ ޝިފާއު އެވެ. ހައްސާން އަދި އަޖުފާން ފޮނުވާލި ޕެނަލްޓީ މުރިނގުގެ ކީޕަރު މުހައްމަދު ޒަޔާން އަހުމަދު ވަނީ ދިފާއު ކޮށްފަ އެވެ.

މުރިނގަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ކާޑެ، އަހުމަދު ހުމެއިދު، އަބްދުﷲ ޒައީމް (އައްބި) އަދި ލުއްޑަ އެވެ. ހުސެއިން ޝަރީފް (މުޑާ) ގެ ޕެނަލްޓީ ބޭރަށް ދިޔައިރު، ތަޑޭ ގެ ޕެނަލްޓީ ދިފާއު ކުރީ ޝޫޓައުޓްގެ ވަކި ހިސާބަކުން ގޯލު ބެލެހެއްޓުމާ ހަވާލުވި އަޖުފާނެވެ. އަދި އެއިޓީފޯ އަށް ފައިނަލްގެ ޖާގަ ޔަގީން ވީ ރައްޒާން ރަޝީދު ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑިއަށް އަމާޒު ވުމުންނެވެ.
މިއީ އެއިޓީފޯ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. އަފްރޯ ވަނީ މިހާތަނަށް ބޭއްވި ތިން މުބާރާތުގެ ފައިނަލްގައި ކުޅެ، ފުރަތަމަ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިދިޔަ އަހަރު ފައިނަލްގައި އަފްރޯ ބަލިވީ ސީސީ ސްޕޯޓްސް ކްލަބް އަތުންނެވެ.
އަފްރޯ އާއި އެއިޓީފޯ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގަ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...