އޭދަފުށީ ކޯޓްގެ މެޖިސްޓްރޭޓް އަބްދުﷲ ހަމީދު ރިޓަޔާކުރައްވައިފި

އޭދަފުށި ޓައިމްސްޚަބަރު

ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުންނެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ރިޓަޔާކުރައްވައިފިއެވެ.

Advertisement

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފައިވާ ގޮތުގައި އޭނާ ރިޓަޔާކުރެއްވީ މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ.

ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ރިޓަޔާކުރެއްވީ ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކުރާ ފަނޑިޔާރުކަމުގެ މަގާމުގައި ހުރެވޭނެ އެންމެ ދޮށީ އުމުރު ކަމަށްވާ 70 އަހަރު ފުރުމާ ގުޅިގެންނެވެ. އޭނާ ވަނީ ޝަރުއީ ދާއިރާގައި ފަނޑިޔާރުކަމުގެ މަގާމުގައި 7 އަހަރުގެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައެވެ.

އޭދަފުށީ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ވަޑައިގަތުމުގެ ކުރިން ހަމީދު ވަނީ ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓާއި ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގައިވެސް ފަނޑިޔާރުކަން ކުރައްވާފައެވެ. އޭނާ އޭދަފުށީ ކޯޓަށް ބަދަލުވެވަޑައިގަތީ 2023 ވަނަ އަހަރު އަމިއްލައަށް އެދިވަޑައިގެންނެވެ.

ޝަރުއީ ދާއިރާގެ އިތުރުން ހަމީދު ވަނީ ދައުލަތުގެ އެހެން މުހިންމު މުއައްސަސާތަކެއްގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައެވެ. އެގޮތުން އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އޭނާ އަދާކުރެއްވި ހިދުމަތްތައް ފާހަގަކޮށްލެވެއެވެ.

ޖޭއެސްސީން ވަނީ ޝަރުއީ ދާއިރާއަށް ޢަބްދުﷲ ޙަމީދު ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކޮށް، އެ ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންގެ ނަމުގައި އޭނާއަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...