ގޮއިދޫގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިން ކައުންސިލުން ކަނޑައަޅައިފި

ބ. އަތޮޅުގައި ގެސްޓްހައުސްގެ ވިޔަފާރި އެންމެ ހަލުވިކަމާއެކު ފުޅާވަމުން އަންނަ އެއް ރަށް ކަމަށްވާ ގޮއިދޫގައި، އިމާރާތްތައް އެންމެ އުސްކޮށް ކުރެވޭނެ މިންގަނޑުތައް އެ ރަށު ކައުންސިލުން ކަނޑައަޅައި އާންމުކޮށްފިއެވެ.

ގޮއިދޫ ކައުންސިލުން ނިންމާފައިވާ ގޮތުގައި، ރަށުގެ އަތިރިމަތީ ސަރަހައްދުގައި ހުންނަ އިމާރާތްތައް އެންމެ އުސްވެގެން ކުރެވޭނީ 42 ފޫޓަށް ނުވަތަ 4 ބުރިއަށެވެ. ނަމަވެސް ރަށުތެރޭގެ ސަރަހައްދުތަކުގައި 62 ފޫޓާ ހަމައަށް ނުވަތަ 6 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ، އިމާރާތުގެ ފުރާޅުގެ ބަދަލުގައި ޝީޓް ނުވަތަ ޑެކް އަޅާނަމަ، ސިޑިގޮޅި 9 ފޫޓަށްވުރެ އުސްނުވާނޭ ގޮތަށް އިމާރާތްކުރުން އެ މިންގަނޑުން އިސްތިސްނާވާނެ ކަމަށެވެ. މި ނިންމުމަކީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާގެ ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށުގައި އިމާރާތްކުރަންވީ ގަވާއިދުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.
މި މިންގަނޑުތައް ފާސްކޮށްފައިވަނީ އިއްޔެ ބޭއްވުނު ގޮއިދޫ ކައުންސިލްގެ 249 ވަނަ އާންމު ޖަލްސާގައެވެ. މި ޖަލްސާގައި ބައިވެރިވި ތިން މެންބަރުންގެ އިއްތިފާގުން މި ނިންމުން ވަނީ ފާސްކޮށްފައެވެ.
ބ. އަތޮޅުގައި ފަތުރުވެރިކަމުގެ ވިޔަފާރި، ހާއްސަކޮށް ގެސްޓްހައުސްގެ ވިޔަފާރި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ރަށަކީ ގޮއިދޫއެވެ. މިހާރުވެސް އެ ރަށުގައި ގިނަ އަދަދެއްގެ ގެސްޓްހައުސްތައް އިމާރާތް ކުރަމުންދާއިރު، މިއީ އަތޮޅުގެ ނިސްބަތުން ގެސްޓްހައުސް އެޅުމަށް އިންވެސްޓަރުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިފައިވާ ރަށެކެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...