ބީއެމްއެލް އިން ހިއްސާތަކަށް ގެންނަ ބަދަލުން ހިއްސާގެ ބާޒާރަށް އިތުރު ފުރިހަމަ ކަމެއް ލިބޭނެ: ސީއެމްޑީއޭ

އޭދަފުށި ޓައިމްސްޚަބަރު
ސީއެމްޑީއޭގެ ސީއީއޯ މަނިކު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާތަކަށް ގެންނަ ބަދަލާ އެކު، ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ތަރައްގީވެ، ކުރިއެރުންތަކެއް ލިބޭނެ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަނިކު ވިދާޅުވީ ބީއެމްއެލްގެ ހިއްސާ “1 އިޒްޓު 10 ރޭޝިއޯ” އިން ބައިކުރުމުން ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުވެ، ހިއްސާއަކަށް ޖެހޭ އަގު ހެޔޮވާނެ ކަމަށެވެ. މީގެ ސަބަބުން ހިއްސާ ގަނެ، ވިއްކާ މިންވަރު އިތުރުވެ، ހިއްސާގެ ބާޒާރަށް ފަހި ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަނިކު އިތުރަށް ވިދާޅުވީ، ހިއްސާގެ އަގު ދަށްވުމުން ބޭންކުގެ ‘ގްރޯތު ޕޮޓެންޝަލް’ އިތުރުވާނެ ކަމަށެވެ. “ބޭންކުން ހުށަހަޅާ ގޮތަށް ޝެއާ ސްޕްލިޓް ވީމާ ހިއްސާގެ އަގު ދަށްވެފައި އެ ވިއްކަން ފެށީމާ އަޅުގަނޑުގެ ލަފާކުރުމަކީ މާދުރު ނޫން މުސްތަގްބަލެއްގައި ބޭންކުގެ ގްރޯތު އަދި މާކެޓް ކެޕިޓަލައިޒޭޝަން ތިން ގުނަ ނުވަތަ ހަތަރުގުނަ އަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކޭ،” އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ލިސްޓު ކޮށްފައިވާ އެހެން ކުންފުނިތަކުން ވެސް މިފަދަ ބަދަލުތައް ގެނައުމަކީ ސީއެމްޑީއޭގެ އެދުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ މެނޭޖިން ޑިރެކްޓަރު އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވެސް ވަނީ މި ނިންމުމަށް ތާއީދުކުރައްވާފައެވެ. އައުޝަން ވިދާޅުވީ ހިއްސާގެ މޫނުމަތީ އަގު ދަށްވުމަކީ ހިއްސާ އަތްފޯރާ ފަށަށް އައިސް، ބާޒާރުގެ މުއާމަލާތްތައް އިތުރުވާނެ ކަމެއް ކަމަށެވެ. އަދި މީގެ ކުރިން ހިއްސާ ވިއްކަން ބޭނުންވާ ފަރާތްތައް މަދުވި ނަމަވެސް، މި ބަދަލާ އެކު ހިއްސާ ވިއްކާ ފަރާތްތައް ވެސް އިތުރުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލު 

  1. ހިއްސާދާރުންގެ އަތުގައި ‘ރެކޯޑް ޑޭޓް'( 18 މާޗު 2026)އާ ހަމަޔަށް ހުރި މޫނުމަތީ އަގުގެ 50 ރުފިޔާގެ ކޮންމެ އެއް ހިއްސާއަކަށް ދެ ބޯނަސް ހިއްސާ ދޫކުރުމަށް ބޯޑުން ވަނީ އާންމު ޖަލްސާ އަށް ހުށަހަޅާފައި. ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުން. މިސާލަކަށް 100 ހިއްސާ އޮތް ފަރާތަކަށް އިތުރު 200 ހިއްސާ ލިބޭނެ. އެހެންކަމުން، ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވާނެ.
  2. ދެން އޮތީ “1 އިޒްޓު 10 ރޭޝިއޯ” ހިއްސާ ބައިކުރުން. ހިއްސާ ބައިކުރުމަކީ ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުކޮށް، ހިއްސާއަކަށް ޖެހޭ އަގު ދަށްކުރުން.  މި ރޭޝިއޯ އިން ބޭންކުގެ ހިއްސާ ބައިކުރުމުން ބޯނަސް ހިއްސާއާ އެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެ. އެހެންކަމުން މިސާލަކަށް މިހާރު 100 ހިއްސާ އޮންނަ މީހެއްގެ ޖުމްލަ ހިއްސާ 3،000 ހިއްސާ އަށް ބަދަލުވާނެ.
  3. އެއާ އެކު، ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާ އިން ފަސް ރުފިޔާއަށް ކުޑަވާނެ. މި ބަދަލުގެ ސަބަބުން ހިއްސާދާރުންގެ ހިއްސާގެ ޖުމްލަ އަގަކަށް ބަދަލެއް ނާންނާނެ.

ބޭންކުން ހިއްސާ ބައިކުރުމަށް ނިންމި މަގުސަދުތަކަކީ:

• އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުން.

• ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުން.

• މާކެޓް ލިކުއިޑިޓީ އަދި ހިއްސާގެ ބާޒާރުގެ ހަރަކާތްތަކަށް މަގު ފަހިކޮށްދިނުން.

• މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވުން.

• ހިއްސާގެ އަގު ކުޑަވުމާ އެކު މާކެޓުގައި އިންވެސްޓްރުންނަށް ބައިވެރިވުމަށް ހިތްވަރު ލިބި، ލިކުއިޑިޓީ އަދި ޓްރޭޑިން ހަރަކާތްތައް އިތުރުވާނެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...