ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފަކަށް މިސްބާހް

އޭދަފުށި ޓައިމްސްޚަބަރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ އެންމެ ރަަނގަޅު މުވައްޒަފަކަށް ހެޑް އޮފް ބިޒްނަސް ސިސްޓަމްސް، ޓެކްނޮލޮޖީ ޑިވިޝަންގެ މިސްބާހް އަބްދުއްރަޝީދު ރޭ ހޮވައިފި އެވެ.

ބ. އޭދަފުއްޓަށް އުފަން މިސްބާހުއަށް “އެންޕްލޯޔީ އޮފް ދަ އިޔާ” އެވޯޑް ހަވާލުކުރީ ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް އެވެ.

ބީއެމްއެލުން ބުނިގޮތުގައި މިސްބާހު މި އެވޯޑު ހާސިލުކުރީ 2025 ވަނަ އަހަރު އޭނާ ދެއްކި ފުރިހަމަ ހުނަރާއި ބޭންކަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

މި ހަފްލާގައި ބޭންކުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރި މުވައްޒަފުންނަށް ޖުމްލަ 38 އެވޯޑެއް ވަނީ ދީފައެވެ. އޭގެ ތެރޭގައި “ލީޑަރޝިޕް އެކްސެލެންސް އެވޯޑް” ހާސިލްކުރި ހެޑް އޮފް ޕްރޮޕަޓީ ޔުޒްނާ ނަސީމް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ބޭންކުގެ ކުރިއެރުމަށާއި އިސްތިރާޖީ ކާމިޔާބީތަކަށް މުހިންމު ހިއްސާއެއް ވެދީފައިވާ ފަސް މުވައްޒަފަކަށް “ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިންގ އެޗީވްމަންޓް” ވަނީ ދީފައެވެ. މި އެވޯޑް ހާސިލްކުރި މުވައްޒަފުންނަކީ މޫސާ މުންސިފް އަހުމަދު، ހުޝާމް ސައީދު، ރަޝްފާ ޖައުފަރު، ހަސަން ޝާމް އަދި އަދުލީ އަހުމަދު ދީދީ އެވެ. މީގެ އިތުރުން ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ފަދަ ކެޓަގަރީތަކުން ވެސް ގިނަ މުވައްޒަފުންތަކެއްގެ އަގުވަޒަންކޮށްފައިވެއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ 2025 ވަނަ އަހަރަކީ ބޭންކުގެ 43 އަހަރުވީ ތާރީހުގައި އެންމެ ކާމިޔާބު އަހަރު ކަމަށެވެ. އަދި މި ކާމިޔާބީގެ އަސްލަކީ މުވައްޒަފުންގެ ހީވާގިކަމާއި ފަންނީ ގާބިލްކަންކަން އޭނާ ފާހަގަކުރެއްވިއެވެ. ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ގިނަބަޔަކަށް ވަޒީފާ ފޯރުކޮށްދޭ އެއް މުއައްސަސާއަށް ވާއިރު، ބޭންކުގެ މުވައްޒަފުންގެ 99 އިންސައްތައަކީ ދިވެހިންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...