ބީއެމްއެލްގެ ހިއްސާގެ ފައިދާއަށް 323 މިލިއަންގެ ރެކޯޑު އަދަދެއް ދޭން ފާސްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2025 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑު އަދަދެއް ކަމަށްވާ 322.9 މިލިއަން ރުފިޔާ ބެހުމަށް ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ފާސްކޮށްފިއެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މިއީ ބޭންކުގެ ތާރީޚުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.
ޖަލްސާގައި ފާސްކުރި ގޮތުގެ މަތިން، ކޮންމެ ހިއްސާއަކަށް 60 ރުފިޔާގެ މަގުން ޖުމްލަ 322,915,200 ރުފިޔާ ބެހުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު 2 ހިއްސާ ދޫކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ. މި ފައިދާ ލިބޭނީ ބުކް ކްލޯޝަރ ޑޭޓްއާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މި ނިންމުމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި އަހަރު ބޭންކުން ހޯދި ވަރުގަދަ މާލީ ނަތީޖާއާއެކު، ހިއްސާދާރުންނަށް ރެކޯޑު އަދަދެއްގެ ފައިދާއެއް ދިނުމަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.
“މިއީ އަޅުގަނޑުމެންގެ ވިޔަފާރީގެ ވަރުގަދަކަމާއި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެއް،” ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ގައުމީ ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދިނުމަށް ފަރުދުންނާއި ވިޔަފާރިތަކަށް ކުރާ އިންވެސްޓްމަންޓްތަކުގެ ޒަރީއާއިން ދިގުމުއްދަތުގެ ފައިދާ ހޯދައިދިނުމުގައި ބޭންކު ދެމިއޮންނާނެ ކަމަށެވެ.
ބޭންކުން ހާމަކުރި ގޮތުގައި މި ކާމިޔާބީއަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން މަސައްކަތްކުރުމާއި ވަރުގަދަ ވިޔަފާރި މޮޑެލްއެއްގެ ނަތީޖާއެވެ. މިހާރު ބޭންކުން އެންމެ ބޮޑު އިސްކަމެއް ދެމުންދަނީ ޑިޖިޓަލް ޚިދުމަތްތައް ވަރުގަދަކުރުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އެއްބާރުލުން ދިނުމަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...