ބީއެމްއެލް އިން ހުޅުމާލޭގައި އަޅާ ފްލެޓުތަކުގެ ތެރެއިން 182 ފްލެޓްގެ ބިންގާ އަޅައިފި

އޭދަފުށި ޓައިމްސްވިޔަފާރި

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ހުޅުމާލޭގައި އިމާރާތްކުރުމަށް ނިންމާފައިވާ 182 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް މިރޭ ފަށައިފިއެވެ.

Advertisement

ހުޅުމާލެ ފޭސް އެކެއްގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ އިސްވެރިންގެ އިތުރުން މަޝްރޫއުގެ ކޮންޓްރެކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން ބިނާކުރާ ޓަވަރުގައި ހިމެނެނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މިއީ ރައްޔިތުންނަށް އަތްފޯރާފަށުގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، މިއީ ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްއިން ރައްޔިތުންނަށް ކޮށްދޭ ވަރަށް ބޮޑު ހިދުމަތެއް ކަމަށެވެ.

 “މިރޭ ބިންގާ އެޅިގެންދާ ސަތޭކަ އައްޑިހަ ދެ ހައުސިންގ ޔުނިޓުގެ ޕްރޮޖެކްޓަކީ ރޭވިފައިވާ ގޮތަށް ނިމިގެންދާނެ މަޝްރޫއެއް ކަމާ މެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން،” މިނިސްޓަރު ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ އަމާޒަކީ ހަމައެކަނި މާލީ ފައިދާ ހޯދުން ނޫން ކަމަށާއި، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އިންވެސްޓްކުރުމަކީ ބޭންކުގެ މުހިންމު ދައުރެއް ކަމަށެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ހައުސިން ކުންފުނިން އެފްޑަބްލިއުއާ ހަވާލުކޮށްގެންނެވެ.

ބީއެމްއެލްއިން ވަނީ ހުޅުމާލެ ފޭސް ތިނެއްގެ އިތުރުން ވިލިމާލޭގައިވެސް ހައުސިން ޔުނިޓްތައް އެޅުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުތަކުގެ ސަބަބުން ދިވެހި މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެ، ބާރުވެރި މުޖުތަމައުއެއް ބިނާވުމެވެ. ބޭންކުން ލަފާކުރާ ގޮތުގައި މި ހުރިހާ މަޝްރޫއުތަކެއް 2028 ވަނަ އަހަރުގެ ކުރިން ނިންމާލެވޭނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...