ރިޝާމް: ދެކުނު އޭޝިއާ މުބާރާތަށް ދާ ގައުމީ ބެޑްމިންޓަން ޓީމުގައި

އޭދަފުށި ޓައިމްސްކުޅިވަރު
ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތަލާލް، ރިޝާމް އަށް ގައުމީ ޖޯޒީ ހަވާލު ކުރަނީ.- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖެ ތަމްސީލު ކުރާ ބެޑްމިންޓަން ޓީމުގައި އޭދަފުށީގެ ރިޝާމް އަބްދުލްފައްތާހު ހިމެނިއްޖެ އެވެ.

ރިވައިވަލް އޭދަފުށީ އެކަޑަމީގެ ކުޅުންތެރިޔާ ރިޝާމް ހިމެނެނީ، އޭޕްރީލް 1-7 އަށް ޕާކިސްތާންގެ އިސްލާމްއާބާދުގައި ކުރިއަށްދާ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގަ އެވެ.

ޒުވާން ގައުމީ ޓީމުން ރިޝާމް ފުރުސަތު ހޯދީ، ބެޑްމިންޓަން އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ސިލެކްޝަންގެ ތެރެއިންނެވެ. ސިލެކްޝަންގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ގުރޫޕް އޭގައި ރިޝާމް ވަނީ ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށް ގުރުޕްގެ އެއްވަނަ ހޯދައިފަ އެވެ. ހަ މެޗުގެ ތެރެއިން އެއް މެޗު ފިޔަވައި ހުރިހާ މެޗެއް ވެސް އޭނާ ވަނީ ސީދާ ދެ ސެޓުން ކާމިޔާބު ކޮށްފަ އެވެ.

ރީޖަނަލް ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރުމަށް ހަމަޖެހިފައި ވަނީ 16 އަހަރުން ދަށް، 19 އަހަރުން ދަށް އަދި 23 އަހަރުން ދަށުގެ އުމުރުފުރާގަ އެވެ.

ގައުމީ ޓީމު މިއަދު ޕާކިސްތާނަށް ދާން ފުރަން ހަމަޖެހިފައި ވާއިރު، މި ޓީމު މުބާރާތަށް ތައްޔާރުކުރަނީ ކޮރެއާގެ ކޯޗު ޔަންގްގެ އިރުޝާދުގެ ދަށުންނެވެ.

ގުމްލަ 12 ކުޅުންތެރިން މި މުބާރާތުގައި ވާދަ ކުރާއިރު، ރިވައިވަލް ސްޕޯޓްސް އޭދަފުށީގެ ރިޝާމްގެ އިތުރުން ދެން ހިމެނެނީ، ރިވައިވަލް ސްޕޯޓްސްގެ ތިން ކުޅުންތެރިންނާއި ބެޑްމިންޓަން ނައިފަރު އެކަޑަމީގެ އެއް ކުޅުންތެރިއަކާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ހަތް ކުޅުންތެރިންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...