ފިނޮޅު ރިސޯޓުގެ ރެސްޓޯރެންޓް މެނޭޖަރަކަށް އަލީ އިސްމާއީލް

ބ. އަތޮޅުގައި ހުންނަ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ލަގްޒަރީ މަންޒިލް ކަމަށްވާ “ފިނޮޅު، ސީސައިޑް ކަލެކްޝަން ރިސޯޓް” ގެ ރެސްޓޯރެންޓް މެނޭޖަރުގެ މަގާމަށް އަލީ އިސްމާއީލް އައްޔަނުކޮށްފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި “އައްޔަ” ގެ ނަމުން މަޝްހޫރުވެފައިވާ މިއަތޮޅު ކަމަދުއަށް އުފަން އަލީ އިސްމާއީލަކީ މި ދާއިރާގައި 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާލިބިފައިވާ، ޤާބިލު ލީޑަރެކެވެ. އޭނާގެ މަސައްކަތުގެ ދަތުރު ފެށުނީ 1999 ވަނަ އަހަރު، އުމުރުން އެންމެ 18 އަހަރުގައި ސޮނެވާ ފުށީގެ ވެއިޓަރެއްގެ ގޮތުގައެވެ. ދުނިޔޭގެ ފެންވަރުގެ ރިސޯޓެއްގައި ، މަސަކަތް ކުރަން ފުރުސަތު ލިބުމަކީ ރިސޯޓުތަކުގައި ކުރިއަށް ދިއުމަށް އޭނާއަށް ލިބުނު ބޮޑު ހިތްވަރަކަށް ވިއެވެ
ވޭތުވެދިޔަ އަހަރުތަކުގައި އަލީ ވަނީ ދިގަލި މޯލްޑިވްސް، ކުރުބާ މޯލްޑިވްސް، ފޯ ސީޒަންސް މޯލްޑިވްސް އަދި ސޮނެވާ ފުށި ފަދަ ނަން މަޝްހޫރު ރިސޯޓުތަކުގައި މަސައްކަތްކޮށް، ކުރިއެރުންތައް ހޯދާފައެވެ. ފިނޮޅާ ގުޅުމުގެ ކުރިން އޭނާ ހުރީ ވިލާ ހެވަން ހުޅުވުމުގެ ތައްޔާރީތަކުގެ ތެރޭގައި އެ ރިސޯޓުގެ ރެސްޓޯރެންޓް މެނޭޖަރުގެ މަގާމުގައެވެ.

ވިލާ ހެވަން ހުޅުވުން ލަސްވުމާ ގުޅިގެން، 2025 އޮކްޓޯބަރުން 2026 މާރިޗާ ހަމައަށް އޭނާ ވަނީ ރޯޔަލް އައިލެންޑް ރިސޯޓުގެ ފުޑް އެންޑް ބެވަރޭޖް އޮޕަރޭޝަންތައް ބެލެހެއްޓުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި އެ ރިސޯޓުގެ އާމްދަނީއަށާއި މެހެމާނުންގެ ފާހަގަކުރުންތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔައެވެ. މިއީ އޭނާގެ ހަރުދަނާ ލީޑަޝިޕާއި މެހެމާނުންނަށް އިސްކަންދޭ ސަގާފަތުގެ ނަތީޖާއެވެ. މި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެތައް އެވޯޑެއްވެސް އޭނާ ވަނީ ހާސިލުކޮށްފަ އެވެ.
މި މަގާމަށް އައްޔަނުކުރުމާ ގުޅޭގޮތުން އަލީ ބުނީ ފިނޮޅު ރިސޯޓުގެ ރެސްޓޯރެންޓް މެނޭޖަރުގެ މަގާމު ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
“މިއީ ހަމައެކަނި ވަޒީފާގެ ކުރިއެރުމެއް ނޫން، މިއީ މޮޅު ޓީމަކާއެކު މި ހިތްގައިމު ރަށަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ލިބުނު ފުރުސަތެއް. ފިނޮޅަކީ ބާ އަތޮޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ރިސޯޓު. އަޅުގަނޑުގެ އަމާޒަކީ މެހެމާނުންނަށް ޚާއްޞަ، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދީ، ހިތްގައިމު ހަނދާންތަކަކާއެކު އެބޭފުޅުން އެނބުރި ދިއުން ޔަގީންކުރުން”، އައްޔަ ބުންޏެވެ.
ފަތުރުވެރިކަމުގެ އިތުރުން، އަލީއަކީ އާންމު ޚިދުމަތުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ ކަމަދޫ ކައުންސިލްގެ ރައީސްކަން ކުރައްވައި، ރަށުގެ ތަރައްޤީއަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.
އަލީގެ މަސައްކަތުގެ ދާއިރާއިން އޭނާއަށް ވަނީ “މެނޭޖަރު އޮފް ދަ އިޔާ”، “ގެސްޓް ޗޮއިސް އެވޯޑްސް” އަދި “ގެސްޓްސް ޕިކް އެވޯޑްސް” ފަދަ ގިނަގުނަ ކާމިޔާބީތައް ލިބިފައެވެ.
ޔުނެސްކޯ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބާ އަތޮޅުގައި ހުރި ފިނޮޅު ރިސޯޓަށް އަލީ އިސްމާއީލް ގުޅުމަކީ، އެ ރިސޯޓުގެ ކެއިންބުއިމުގެ ޚިދުމަތްތަކާއި މެހެމާނުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ އުންމީދީ ފެށުމެކެވެ
ކޮމެންޓްސް (0)
ލޯޑް ކުރަނީ...