ސެންޓޭ އާއި ދަގަނޑޭގެ ތަޖުރިބާއިން ރާއްޖެއަށް އުންމީދީ މޮޅެއް

އޭދަފުށި ޓައިމްސްޚަބަރު
ސެންޓޭ (ކ) ރާއްޖެ މޮޅުވި ގޯލު ޖެހުމަށް ފަހު ދަގަނޑޭ (ވ) އާއެކު އުފާފާޅުކުރަނީ.– ފޮޓޯ: ނިޝާން އަލީ/ މިހާރު

އަލީ ފާސިރު (ސެންޓޭ) އާއި އަލީ އަޝްފާގް (ދަގަނޑޭ) ފަހު 10 މިނިޓަށް ކުޅެން އަރައި ޓިމޯ ލެސްޓޭ އަތުން ދިވެހިރާއްޖެ ފަހަތުން އަރައި 2-1 އިން މޮޅުވެއްޖެ އެވެ.

އޭޝިއަން ކަޕް ކޮލިފައިން ތިންވަނަ ބުރުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު ހަވީރު ޓިމޯ ލެސްޓޭ ވަނީ 67 ވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ.

ގައުމީ ސްކޮޑުގައި މިވަގުތު ހިމެނޭ އެންމެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ސެންޓޭ އާއި އަޝްފާގް ކުޅެން އެރުވީ ފަހު 10 މިނިޓަށެވެ. ދެ ކުޅުންތެރިން އެރުމާ އެކު ރާއްޖޭގެ ކުޅުން ކުރިއަށް ވުރެ ވަރުގަދަވި އެވެ.

ރާއްޖޭން ނަތީޖާ އެއްވަރުކުރީ 89 ވަނަ މިނިޓުގައި މުހައްމަދު އިރުފާން (އިރޭ) ޖަހައިދިން ގޯލުންނެވެ.

އިތުރު ވަގުތުގައި ސެންޓޭ ކުރިއަށް ދިން ބޯޅައެއް އަހުމަދު އައިހަމް (ފަތޯ) ބޮލުން އަޝްފާގަށް ޖައްސާލުމުން އޭނާ ފޮނުވާޅި ހަމަލާ ކީޕަރު ދިފާއު ކުރި އެވެ. އެ ބޯޅަ ރީބައުންސް ވި ވަގުތު ބޯޅަ ހޯދަން އަޝްފާގް އުޅުނު ވަގުތު ކީޕަރު އޭނާއަށް ފައުލް ކުރުމުން ރެފްރީ ވަނީ ރާއްޖެއަށް ޕެނަލްޓީއެއް ދީފަ އެވެ.

އެ ވަގުތު އަޝްފާގަށް ދަނޑު ބޭރުގައި ފަރުވާ ދޭން ޖެހުމުން ޕެނަލްޓީ ޖެހީ ސެންޓޭ އެވެ.

މިއީ ސެންޓޭ ގައުމީ ޓީމަށް ކުޅެދިން 83 މެޗުން ޖަހައިދިން 19 ވަނަ ގޯލެވެ.

މިއަދުގެ މެޗަކީ އަޝްފާގް ގައުމީ ޓީމަށް ކުޅެދިން 99 ވަނަ މެޗެވެ. އޭނާ ވަނީ ގައުމީ ޓީމަށް 58 ގޯލު ޖަހައިދީފަ އެވެ.

އޭދަފުށީގެ އިތުބާރު ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) ވަނީ މި މެޗުގައި ފުލްކޮށް ކުޅެފަ އެވެ. ނަމަވެސް އަނިޔާއަކާ ގުޅިގެން ހަމްޒާ މުހައްމަދު (ހަމްޕު) އަށް މި މެޗުގައި ނުކުޅެވުނެވެ.

މި މެޗާ އެކު ރާއްޖެއަށް ވަނީ ކޮލިފައިން ނިމިފަ އެވެ. ނަމަވެސް މިއީ ގައުމީ ޓީމާ ތިންވަނަ ފަހަރަށް ހަވާލުވި ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީގެ އާ ފެށުން ރަނގަޅުކޮށް، މި އަހަރު ގައުމީ ޓީމަށް ކުރިއަށް ހުރި މެޗުތަކަށް އުންމީދެއް ހޯދައިދިން މޮޅެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...