ބީއެމްއެލްގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅާ ފްލެޓްގެ އަދަދު 3،800 އަށް އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިތުރު 540 ފްލެޓް އެޅުމަށް ނިންމައި، އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޖުމްލަ ޔުނިޓްތަކުގެ އަދަދު 3،800 އަށް އިތުރުކޮށްފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ރޭ އިއުލާނު ކުރައްވައިފި އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތްކުރާ 364 ފްލެޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އިތުރަށް އަޅާ 540 ފްލެޓަށް ބޭނުންވާ ބިން މިހާރު ހައުސިން މިނިސްޓްރީން ހަމަޖައްސައިދީފައިވާ ކަމަށެވެ. މި މަޝްރޫއުތަކަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި ކަމަށްވާ ‘ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން’ މެދުވެރިކޮށް ހިންގާ މަޝްރޫއުތަކެކެވެ.

ސީއީއޯ ޝަރީފް ވިދާޅުވި ގޮތުގައި ބޭންކުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން މި ފްލެޓްތަކުގެ މަސައްކަތް ނިންމާލެވޭނެ ފަދަ ގާބިލް ދިވެހި ކުންފުނިތަކާ މި މަސައްކަތް ހަވާލުކުރުމެވެ. މިހާރުވެސް މި މަޝްރޫއުގެ ދަށުން ހުޅުމާލެ އާއި ވިލިމާލޭގައި ޖުމްލަ 3،260 ފްލެޓެއްގެ ބިންގާ ވަނީ އަޅާފަ އެވެ. އޭގެ ތެރޭގައި މިދިޔަ ހަފުތާގައި ބިންގާ އެޅި 1,706 ފްލެޓާއި ރޭ ބިންގާ އެޅި 1,190 ފްލެޓް ހިމެނެ އެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ވެސް ފައިނޭންސް ހަމަޖެއްސޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. “އެމްއައިބީގެ ކަސްޓަމަރުންނަށް ވެސް މި ސްކީމްގައި ކަނޑައަޅާފައިވާ ހެޔޮ އަގުގައި ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައި،” އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ބޭންކުތަކުން ވެސް މިފަދަ ސްކީމްތަކުގައި ބައިވެރިވެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމެވެ. އެގޮތަށް އެހެން ބޭންކުތަކުން ބައިވެރިވެއްޖެ ނަމަ، މި މަޝްރޫއުގެ ދަށުން އަޅާ ފްލެޓްގެ އަދަދު 5،000 އަށް އެރުވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބޭންކުން ބުނެ އެވެ.
މި ހުރިހާ ފްލެޓްތަކެއްގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރެއަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ބީއެމްއެލް އިން ލަފާކުރެ އެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރާއި ބޭންކުތައް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...