ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި؛ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށަނީ

ރާއްޖޭގެ އެންމެ ބާރުބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓު ކަމަށްވާ ބ. ދަރަވަންދޫ އެއާޕޯޓު ހިންގުން އައިލެންޑް އޭވިއޭޝަން ސާވިސަސްއާ މިއަދު ހަވާލުކޮށްފިއެވެ.

މި ބަދަލާއެކު އެއާޕޯޓުގެ ޓާމިނަލް ދެގުނައަށް ބޮޑުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.
ދަރަވަންދޫ އެއާޕޯޓުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނަރަލް އަހުމަދު ޝަމީމެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ. މި ބަދަލާއެކު އެއާޕޯޓު އޮޕަރޭޓް ކުރުމާއި އެއާލައިންގެ ހިދުމަތްތައް ދިނުމުގެ އެންމެހާ ޒިންމާތައް އުފުލާނީ އައިލެންޑް އޭވިއޭޝަނުންނެވެ.
ޓާމިނަލް ދެގުނައަށް ބޮޑުކުރުން
މި މަޝްރޫއުގެ ދަށުން މިހާރު ހުރި 959 އަކަފޫޓުގެ ޓާމިނަލް 1,874 އަކަފޫޓަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި މި ބަދަލާއެކު ޗެކިންވުމާއި ބަގޭޖް ޕްރޮސެސިންގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބި، ފަސިންޖަރުން މެނޭޖުކުރުމަށް ފަސޭހަވެގެންދާނެއެވެ. އާ ޓާމިނަލް ފަރުމާކޮށްފައިވަނީ ކަނޑުއަޑީގެ ރީތިކަން ރަމްޒުކޮށްދޭ ޒަމާނީ އާކިޓެކްޗާއަކަށެވެ.

ޓާމިނަލް ތަރައްގީ ކުރުމުގެ ތެރޭގައި އެރައިވަލް އޭރިއާ ބޮޑުކޮށް، ބަގޭޖް ކޮންވެޔާ ބެލްޓް ހަރުކުރުމާއި، ޗެކިން އޭރިއާގައި ސެލްފް ޗެކިން ކިއޮސްކްތައް ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ޑިޕާޗާ ހޯލު ބޮޑުކޮށް، ގުދުރަތީ އަލި ލިބޭނެހެން އޯޕަން ޕްރީ-ބޯޑިން ސަރަހައްދެއް ގާއިމުކުރާނެއެވެ. މި ބަދަލާއެކު އެއާޕޯޓުގައި ބޯޑިން ތިން ގޭޓު ހުންނާނެ ކަމަށާއި، ފަސިންޖަރުންނަށް ހިދުމަތް ދެވޭ ޖާގަ 80 އިން 175 އަށް އިތުރުވާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އާ އެގްޒެކެޓިވް ލައުންޖެއް
ދަތުރުވެރިންނަށް އިތުރު ފަސޭހަކަމެއް ދިނުމުގެ ގޮތުން 75 މީހުންގެ ޖާގަ ހިމެނޭ ޒަމާނީ އެގްޒެކެޓިވް ލައުންޖެއް ވެސް މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެއެވެ. މި ތަނުގައި ޕްރައިވެސީ ލިބޭނެހެން ޕްރީމިއަމް ސީޓިން ޒޯނެއް ހިމެނޭނެއެވެ. “ޓާމިނަލް ބޮޑުކުރުމާއި އާ އެގްޒެކެޓިވް ލައުންޖާއެކު ފަސިންޖަރުން އުއްމީދުކުރާ ފަދަ މެހުމާންދާރީއަކާއި ހިދުމަތެއް ލިބިގެންދާނެ،” އައިލެންޑް އޭވިއޭޝަންގެ އެމްޑީ އިޔާސް ވިދާޅުވިއެވެ.

މި މަޝްރޫއަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ހަރުދަނާކޮށް، ފަތުރުވެރިކަން ކުރިއަރަމުން އަންނަ ބ. އަތޮޅުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް، އެ ތަނުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ޑިޒައިން އެންޑް ކޮންސަޓެންސީގެ ހިދުމަތް ހޯދަން އައިލެންޑް އެވިއޭޝަނުން އަމިއްލަ ކުންފުންޏާ އެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.
ދަރަވަންދޫ އެއާޕޯޓަކީ ބ. އަތޮޅުގެ ޓޫރިޒަމްގެ މައި ދޮރާށި ކަމަށް ވާތީ އާއި އާންމު ދަތުރުފަތުރަށް ވެސް ގިނަ ބަޔަކު ބޭނުންކުރާ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓަކަށް ވާތީ އެތަނުން ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަކީ ޖެހިފައިވާ ކަމަށް އައިލެންޑު އޭވިއޭޝަނުން ބުނެފައިވެ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...