އެމްއެންޔޫގެ އޭދަފުށީ ކެމްޕަހުގެ އަމަލީ މަސައްކަތް ފަށައިފި

އޭދަފުށި ޓައިމްސްޚަބަރު
އެމްއެންޔޫ އޭދަފުށީ ކެމްޕަހުގެ އަމަލީ މަސައްކަތް ފެށުން– ފޮޓޯ އޭދަފުށީ ކައުންސިލް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން ބ. އޭދަފުށީގައި ގާއިމުކުރާ ކެމްޕަހުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

Advertisement

މިއީ އަތޮޅުތެރޭގައި މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

ޖުމްލަ 80.79 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

މި މަޝްރޫއުގެ ދަށުން 6000 އަކަފޫޓުގެ 2 ފަންގިފިލާގެ ދަރިވަރުންގެ އެކަމަޑޭޝަން ބްލޮކަކާއި، 3200 އަކަފޫޓުގެ މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކެއްގެ އިތުރުން އެޑްމިނިސްޓްރޭޓިވް ބްލޮކަކާއި، ކްލާސްރޫމް ބްލޮކެއް އަދި އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމުމަށް ތާވަލުކޮށްފައިވަނީ 720 ދުވަހުގެ ތެރޭގައެވެ. އޭދަފުށްޓަކީ 3500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ، ތައުލީމީ ޒުވާނުން ގިނަ ރަށަކަށް ވުމާއެކު، މި ކެމްޕަސް ގާއިމުވުމަކީ އެ ރަށަށާއި މުޅި ބ. އަތޮޅުގެ ތައުލީމީ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ސަރުކާރުން އުންމީދު ކުރަނީ މި މަޝްރޫއުގެ ސަބަބުން އަތޮޅުތެރޭގައި މަތީ ތައުލީމުގެ ފުރުސަތުތައް އިތުރަށް ފުޅާވެ، ދަރިވަރުންނަށް އަމިއްލަ ރަށުގައި ނުވަތަ ކައިރި ރަށެއްގައި ތިބެގެން ފެންވަރު ރަނގަޅު ތައުލީމެއް ހާސިލުކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...