ބ. އަތޮޅުގެ 5 ރަށެއްގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި

އޭދަފުށި ޓައިމްސްވިޔަފާރި
ބީއެމްއެލްގެ އޭޓީއެމް އަދި ބްރާންޗުގެ ހިދުމަތް ފުޅާކުރަން މިރޭ ބޭއްވި ރަސްމިއްޔާތު: އެއްފަހަރާ 90 އޭޓީއެމްގެ ހިދުމަތް މިރޭ ވަނީ ފަށާފައި — ފޮޓޯ/ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިރޭ ރާއްޖޭގައި އެއްފަހަރާ 90 އޭޓީއެމްގެ ހިދުމަތް ފެށިއިރު، އޭގެތެރެއިން ބ. އަތޮޅުގެ 5 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓައި ހިދުމަތް ފަށައިފިއެވެ.

ބީއެމްއެލްއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި 90 އޭޓީއެމްގެ ތެރޭގައި ހިމެނެނީ 70 ޑޮލަރު އޭޓީއެމް އާއި ރުފިޔާގެ 20 އޭޓީއެމް އެވެ.

މިރޭ އޮތް ރަސްމިއްޔާތުގައި އޭޓީއެމްގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ރަސްމިއްޔާތުގައި، ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބް އާއި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުންނާއި ސަރުކާރުން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ބ. އަތޮޅުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށީ އޭދަފުށި، ތުޅާދޫ، ދަރަވަންދޫ، ކަމަދޫ އަދި ފުޅަދޫގަ އެވެ.

އޭޓީއެމްގެ ހިދުމަތް ފެށުމުގެ އިތުރުން ބީއެމްއެލްގެ އާ 6 ބްރާންޗް ރައީސް ޑރ. މުއިއްޒު މިރޭ ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ.

ބީއެމްއެލްގެ އާ ބްރާންޗުތައް ހުޅުވީ، ހދ. ހަނިމާދޫ އާއި އއ. ތޮއްޑޫ، ތ. ވިލުފުށި، ސ. ހުޅުދޫ، ލ. ހިތަދޫ އަދި ހދ. ކުޅުދުއްފުށީގައެވެ.

މިއަހަރު 70 ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.

ބީއެމްއެލްއިން ސަރުކާރާ ގުޅިގެން މިދިޔަ އަހަރު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ރުފިޔާ އޭޓީއެމް ބަހައްޓައި ހިދުމަތް ފަށައިފަ އެވެ. ރުފިޔާ އޭޓީއެމް ބެހެއްޓުމަށްފަހު ބީއެމްއެލްއާ ސަރުކާރު ގުޅިގެން އަމާޒުހިފީ ޑޮލަރު އޭޓީއެމް މުހިއްމު ރަށްތަކުގައި، އެ ހިދުމަތް ދިނުމެވެ.

ބ. އަތޮޅުގެ ފަސް ރަށުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށިއިރު، ފަސް ރަށަކީ ވެސް އާބާދީގެ ގޮތުން ނުވަތަ ލޯކަލް ޓޫރިޒަމްގައި ފާހަގަކުރެވޭ ރަށްތަކެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...