އޭދަފުށީގައި 75 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އޭދަފުށި ޓައިމްސްޚަބަރު

ބ. އޭދަފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މި ރަށުގައި 75 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫއަކީ ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

އޭދަފުށީގައި 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ގްލެޓް އިންވެސްޓްމަންޓްސް އާއެވެ. މި މަޝްރޫއަކީ ޖުމްލަ 101,250,000 (ސަތޭކަ އެއް މިލިއަން ދެލައްކަ ފަންސާސް ހާސް) ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ދިވެހި އަމިއްލަ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރުމަށް މިދިޔަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫއު ހަވާލުކުރި ދުވަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ މިފަދަ މަޝްރޫއުތަކަށް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ފައިސާ ހަމަޖެހިގެންދާނެ ކަމަށެވެ. މިއީ ރާއްޖޭގެ އަމިއްލަ ކުންފުނިތަކަށް ލިބޭ ބޮޑު ހިތްވަރެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭދަފުށީގައި 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިއަދު ފެށުނުއިރު، މީގެ ކުރިން މި ސަރުކާރުން ވަނީ މި ރަށުގައި 1000 ފްލެޓް އެޅުމަށް ޗައިނާގެ ކުންފުންޏަކާ ވެސް ހަވާލުކޮށްފައެވެ. ނަމަވެސް އެ މަޝްރޫއު ހަވާލުކުރިތާ ގާތްގަނޑަކަށް ދެ އަހަރު ވާން ކައިރިވެފައިވާއިރު، އެ މަސައްކަތުގެ އަމަލީ އެއްވެސް ހަރަކާތެއް މިހާތަނަށް ފެށިފައެއް ނުވެއެވެ.

މިއަދު ފެށުނު 75 ހައުސިން ޔުނިޓްގެ މަސައްކަތާއެކު، އޭދަފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...