ގޮއިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ބ. ގޮއިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ހަމީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.
މި މަޝްރޫޢަކީ ޖުމްލަ 87.81 މިލިއަން ރުފިޔާ އަށް 365 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 95,182 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުމާއި، 250 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 351 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން، މިހާރު ހުރި އެއްގަމުތޮށީގެ 315 މީޓަރު ރޫޅާލުމާއި، 116 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 11 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. އަދި 2,649 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ގާތްގަނޑަކަށް 800 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ގޮއިދޫ ބަނދަރުގެ ޖާގަ ކުޑަވުމާއި ފަޅު ތިލަވުމުގެ ސަބަބުން، އެ ރަށުގެ ރައްޔިތުންނަށް ލަފާފުރުމާއި އޮޑިދޯނިފަހަރު އެޅުމުގައި ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ނަމަވެސް މި މަޝްރޫޢު ނިމުމާއެކު، ރަށުގެ ރައްޔިތުންނަށް ޖާގަ ތަނަވަސް ބަނދަރެއް ލިބި، ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...