އޭދަފުށީގައި ތަރައްގީކުރާ މޫދަށް އެރޭ ސަރަހައްދު މި މަހު ހުޅުވަނީ

އޭދަފުށި ޓައިމްސްޚަބަރު
އޭދަފުށީގައި ތަރައްގީކުރާ މޫދަށައެރޭ ސަރަހައްދު. ފޮޓޯ/ ކައުންސިލް

ބ. އޭދަފުށީގެ ދެކުނު ފަރާތުގައި ތަރައްގީކުރަމުންދާ މޫދަށް އެރޭ ސަރަހައްދުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމައި، އާންމުންނަށް ބޭނުންކުރެވޭވަރު ވާނެ ކަމަށް ރަށު ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވީ، ކައުންސިލުގެ ބަޖެޓުން ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން އެ ސަރަހައްދު އާންމުންނަށް ހުޅުވާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފާތިހު ވިދާޅުވީ، ރަށުގެ ދޮށީ އުމުރުގެ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ހިތްހަމަޖައްސާލަން މޫދަށް އެރިލާނެ ރަނގަޅު ސަރަހައްދެއް ނެތުމުގެ މައްސަލަ ކަމަށެވެ.

އޭދަފުށީގައި ތަރައްގީކުރާ މޫދަށައެރޭ ސަރަހައްދު. ފޮޓޯ/ އެމްޓީސީސީ

 އެ ހިސާބުން އަޅުގަނޑުމެން މަސައްކަތް ފެށީ އެކަން ކުރެވޭނެ ގޮތްތަކެއް ބަލަން. އެގޮތުން އޭދަފުށި ދާއިރާގެ މެންބަރާއި އޭދަފުށީގެ މަހުޖަން ކްރައުން ކޮމްޕެނީގެ ވެރިޔާ އަހްމަދު ނަޒީރާ ވާހަކަ ދައްކައިގެން މިކަން ކުރެވޭނެ ގޮތެއް ބެލީ، ފާތިހު ވިދާޅުވިއެވެ.

މި މަޝްރޫއަކީ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އާއި އޭދަފުއްޓަށް އުފަން މަހުޖަނު ކްރައުން ކޮމްޕެނީގެ ވެރިޔާ އަހްމަދު ނަޒީރުގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ފެށިގެން ކުރިއަށްދާ މަޝްރޫއެއްކަން ކައުންސިލުން ފާހަގަކުރެއެވެ.

މަޝްރޫއުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތައް

މި މަޝްރޫއުގެ ދަށުން ފަތާ ސަރަހައްދު ތަރައްގީކުރުމަށްޓަކައި 15,914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވަނީ ފުންކޮށްފައެވެ. މީގެ އިތުރުން 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 60 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމުގެ އިތުރުން 70 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.

ގިނަ ބައެއްގެ އެދުމުގެ މަތިން ފަހުން މި ސަރަހައްދު ވަނީ ބޮޑުވެސް ކޮށްފަ އެވެ.  

އޭދަފުށީގެ ރައްޔިތުން މޫދަށް އެރުމަށް ހާއްސަ ސަރަހައްދަކަށް ބޭނުންވެފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި މަޝްރޫއު ނިމުމުން ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް ކައުންސިލުން އުންމީދު ކުރެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...