ތިން އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށް

އޭދަފުށި ޓައިމްސްޚަބަރު

 ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފެށުނުއިރު، ވޯޓުލާ މަރުކަޒުތަކުގެ ކިއޫތަކުގައި މާ ގިނަ ބަޔަކު ނެތްކަން ފާހަގަކުރެވެއެވެ.

މިއަދު ކުރިއަށްދާ އިންތިހާބުތަކުގައި ޖުމުލަ 2,961 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ.

އެ ޕާޓީގެ 1,322 ކެންޑިޑޭޓުން ވާދަކުރާއިރު، އިދިކޮޅު އެމްޑީޕީން 905 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ އިތުރުން އެމްޑީއޭ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންވެސް ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އަމިއްލަ ގޮތުން 645 ކެންޑިޑޭޓުން ވާދަކުރެއެވެ.

އިލެކްޝަންސް ކޮމިޝަނުން (އީސީ) މައުލޫމާތު ދޭ ގޮތުގައި، މި އިންތިހާބުތަކަށް ޖުމުލަ 888,845 ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފައެވެ. އޮޅުން ފިލުވުމަށްޓަކައި ކޮންމެ އިންތިހާބެއްގެ ކަރުދާސް ވައްޓާލަން ޖެހެނީ ތަފާތު ކުލަތަކުގެ ލޭބަލް ޖަހާފައިވާ ފޮށިތަކަށެވެ.އެގޮތުން

ދެގޮތުން ފެންނަ ނުފެންނަ ވޯޓަށް ހުދު ކުލަ، ލޯކަލް ކައުންސިލް އިންތިހާބަށް ނޫ ކުލަ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ފެހި ކުލައިގެ ލޭބަލް ވަނީ ހާއްސަކޮށްފައެވެ.

ވޯޓުލާ މީހުންނަށް އިންތިހާބުތަކުގެ ތެރެއިން އެމީހަކު ބޭނުންވާ ވޯޓެއްގައި ބައިވެރިވުމުގެ އިހުތިޔާރު އޮންނާނެއެވެ.

އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، “ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނުވާނަމަ، އޮބްޒާވަރުންގެ ކުރިމަތީގައި އެކަން އިއުލާން ކުރަން ޖެހޭނެ” ކަމަށެވެ.

މިއީވޯޓުލުމުގެ މަރުހަލާގައި ފަހުން ދިމާވެދާނެ މައްސަލައަކުން ސަލާމަތްވުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް މުޅި ރާއްޖޭގައި ކުރިއަށްދާނެއެވެ. މި ފެންނަ ނުފެންނަ ވޯޓަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ފަދަ ބޮޑެތި އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ބަސް ހޯދުމަށް ކުރިއަށްގެންދާ މުހިންމު ވޯޓެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...