އޭދަފުށީ ކައުންސިލުގެ ރައީސްކަން އަމިއްލަ ކެންޑިޑޭޓް ޝާމީ ކާމިޔާބު ކުރައްވައިފި

އޭދަފުށި ޓައިމްސްޚަބަރު

ބ. އޭދަފުށީ ކައުންސިލުގެ ރައީސްކަމުގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރެއްވި ޝާމީ އިބްރާހީމް (ސާމީ) އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސާމީ މި އިންތިޚާބު ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ.

މި އިންތިޚާބުގައި ސާމީއާ އެންމެ ގާތުން ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ނިކުންނެވި ކައުންސިލުގެ މިހާރުގެ ވެސް މެންބަރު ޒައިދު އަލީއެވެ. މިއީ ލޯކަލް ކައުންސިލް އިންތިޚާބުތައް ބާއްވަން ފެށި ފަހުން، ޕީޕީއެމް އަދި ޕީއެންސީގެ ބޮޑު ތާއީދެއް އޮންނަ އޭދަފުށީ ކައުންސިލުގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

ސާމީގެ ކާމިޔާބީއާ އޭދަފުށީގެ ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ސާމީއަށް މަރުހަބާ ވެސް ކިޔަމުންނެވެ.

އިންތިޚާބުގެ ކާމިޔާބީއަށްފަހު ސާމީ ވަނީ އޭނާއަށް ތާއީދުކޮށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ސާމީ ވިދާޅުވީ އިންތިޚާބުގެ ނަތީޖާއާއެކު ރައްޔިތުން ނިންމެވި ނިންމެވުމަކީ ނުހަނު ލޯތްބާއި އިޙްތިރާމާއެކު ބަލައިގަންނަ ނިންމުމެއް ކަމަށެވެ.

“އެއްވެސް ސިޔާސީ ޕާޓީއެއްގެ ފުރަގަހުގައި ނެތި، ހަމައެކަނި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ނިކުމެ، ތިޔަ ލޯބިވާ ރައްޔިތުންގެ ފަރާތުން ލިބުނު ތަރުޙީބާއި ވޯޓަކީ އަޅުގަނޑުގެ ނަޒަރުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،” 

ސާމީ އިބްރާހީމް

ސާމީ އިތުރަށް ވިދާޅުވީ މިއީ އޭނާގެ ސިޔާސީ ޙަޔާތުގެ ޅަފަތުގައި ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ. އަދި މި އިންތިޚާބުން ކާމިޔާބީ ހޯއްދެވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަމުން، ރައްޔިތުން ހަވާލުކުރި މަތިވެރި އަމާނާތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ތައުފީޤު މިންވަރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ދާއިރާއިން ކުރިއަށް އޮތް ތަނުގައި ތަފާތު ހަރުފަތްތަކުން ފެންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން ސާމީ ވަނީ އޭނާގެ ކެމްޕޭން ދަތުރު ނިންމާލާފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...