އޭދަފުށީގެ 8 ގޮނޑި ސަރުކާރަށް، ނުލިބުނީ ރައީސްގެ ދެ ގޮނޑި

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ބ. އޭދަފުށީ ކައުންސިލުގެ ރައީސްގެ ގޮނޑިއާއި ޑަބްލިއުޑީސީގެ ރައީސްގެ ގޮނޑި ޕީއެންސީއަށް ގެއްލުނު ނަމަވެސް، އެ ރަށުގެ ބާކީ އަށް ގޮނޑި ސަރުކާރު ހިންގާ ޕާޓީން ކާމިޔާބުކޮށްފިއެވެ.
މިއީ އޭދަފުށީ ކައުންސިލުގެ ރައީސްގެ މި ދެ ގޮނޑި މި ފިކުރުގެ ސަރުކާރަށް މިރަށުން ގެއްލުނު ފުރަތަމަ ފަހަރެވެ.
ކައުންސިލް ރައީސްގެ ގޮނޑިއަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް، އަދި 2017 ވަނަ އަހަރުން ފެށިގެން ކައުންސިލް މެންބަރުކަން ކުރައްވަމުން ގެންދަވާ ޒައިދު އަލީއަށް މިފަހަރު ގޮނޑި ކާމިޔާބެއް ނުވިއެވެ. ޒައިދުއަށް ލިބިވަޑައިގަތީ 774 ވޯޓެވެ.
އޭދަފުށީ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި ޝާމީ އިބްރާހީމެވެ. އޭނާއަށް 802 ވޯޓު ލިބިވަޑައިގަތްއިރު، މި މަގާމަށް ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓް އަލީ ޒާހިރަށް ލިބިވަޑައިގަތީ 356 ވޯޓެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އޭދަފުށީ ކައުންސިލްގައި ހިމެނޭ ފަސް ގޮނޑީގެ ތެރެއިން ރައީސްގެ ގޮނޑި ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ ޕީއެންސީންނެވެ. އެ ގޮނޑިތައް ކާމިޔާބުކުރީ މިހާރުވެސް މެންބަރުކަމުގައި ތިއްބެވި އަބްދުﷲ ރަޝީދު އާއި އަލީ ޝަފީގުގެ އިތުރުން، އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑި އިންތިހާބަކާ ނުލައި ކާމިޔާބުކުރި ނާޒްނީނާ ޔޫސުފް އާއި ޒީމާ އިބްރާހީމެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ ގޮނޑި ބޮޑު ތަފާތަކުން އަމިއްލަ ގޮތުން ވާދަކުރެއްވި އައިޝަތު ރީތާ އަބްދުއްރައްޒާގު ކާމިޔާބުކުރެއްވި އިރު، އެ ކޮމިޓީގެ ބާކީ ހަތަރު ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެއީ ޝާޒްލީން މުހައްމަދު، ޖިނާން އިބްރާހީމް، ހައްވާ ސަމީހާ އަދި ޝަމްލާ އަބްދުﷲ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...