ޝާމީގެ ކާމިޔާބީ ފާހަގަކުރަން މިރޭ އޭދަފުށީގައި ހަވާ އަރުވަނީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ބ. އޭދަފުށީ ކައުންސިލުގެ ރައީސްގެ ގޮނޑި ކާމިޔާބުކުރެއްވި ޝާމީ އިބްރާހީމް (ސާމީ) ގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ މި ރަށުގައި ހަވާ އެރުވުމަށް ނިންމައިފިއެވެ.
ސާމީގެ ކެމްޕޭން ޓީމުން ބުނީ މި ހަރަކާތަކީ އިންތިހާބުގައި ލިބުނު ކާމިޔާބީއާ ގުޅިގެން ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ހުރިހާ ރައްޔިތުންނަށް ދޭ ފަރިއްކޮޅަކާއެކު ބާއްވާ ހާއްސަ އިވެންޓެއް ކަމަށެވެ.
ހަވާ އެރުވުމުގެ ހަރަކާތް އޮންނާނީ މިރޭ 9:00 ގައި އޭދަފުށީ ސްޓޭޖް ސަރަހައްދުގައެވެ. މީގެ އިތުރުން ހިޔަލަ ޑާންސް ގްރޫޕްގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަމިއްލަ ގޮތުން ވާދަކުރެއްވި ޝާމީ މި ގޮނޑި ކާމިޔާބުކުރެއްވީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އަދި ކައުންސިލުގެ މިހާރުގެ ވެސް މެންބަރު ޒައިދު އަލީއާ ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ.
މިއީ ލޯކަލް ކައުންސިލް އިންތިހާބުތައް ބާއްވަން ފެށި ފަހުން، ޕީޕީއެމް އަދި ޕީއެންސީގެ ބޮޑު ތާއީދެއް އޮންނަ އޭދަފުށީގައި އަމިއްލަ ކެންޑިޑޭޓަކު ކައުންސިލް ރައީސްކަމަށް އިންތިހާބުވި ފުރަތަމަ ފަހަރެވެ.
މި ކާމިޔާބީއާ ގުޅިގެން ޝާމީ ވިދާޅުވީ މިއީ އޭނާގެ ސިޔާސީ ހަޔާތުގެ ޅަފަތުގައި ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ. އަދި ރައްޔިތުން ހަވާލުކުރި މަތިވެރި އަމާނާތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ތައުފީޤު މިންވަރުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކެމްޕޭން ދަތުރު ނިންމާލައްވަމުން ޝާމީ ވަނީ އިންތިހާބުން ކާމިޔާބީ ހޯއްދެވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ސިޔާސީ ދާއިރާގެ ތަފާތު ހަރުފަތްތަކުން ފެންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...