ތުޅާދޫގައި އެޅި ހައުސިން ޔުނިޓްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އޭދަފުށި ޓައިމްސްޚަބަރު
ތުޅާދޫގައި އަޅާފައިވާ ހައުސިން ޔުނިޓްތައް– ފޮޓޯ: ތުޅާދޫ އޮންލައިން

ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން މިއަދު އިތުރުކޮށްދީފި އެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން ނަމަ، މި ދެ ރަށުގެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މިއަދަށެވެ.

މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނީ، ކޮންމެ ރަށަކުން ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓަށް އެދި ހުށަހަޅަން ޖެހޭނީ އެ މިނިސްޓްރީގެ “ހިޔާވަހި ޕޯޓަލް” މެދުވެރިކޮށް ކަމަށެވެ. މި މުއްދަތު އިތުރުކުރީ ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ތުޅާދޫ ހައުސިން ޔުނިޓްތަކުގެ މައްސަލައަކީ މީގެ ކުރިން ގާނޫނީ އެކި މައްސަލަތަކެއް ކުރިމަތިވެ، ހަވާލުނުކުރެވި ދިގުލައިގެން ގޮސްފައިވާ މަޝްރޫއެކެވެ. ކުރީގެ ސަރުކާރުން އެކުލަވާލި އުސޫލުތަކަކާ ގުޅިގެން ކޯޓަށް މައްސަލަ ހުށަހެޅި، ވަގުތީ ލިސްޓުތައް ބާތިލުކުރުމަށް ވެސް މީގެ ކުރިން ވަނީ ހުކުމްކޮށްފަ އެވެ. މިކަންކަމާ ގުޅިގެން މިދިޔަ އަހަރުގެ ފަހުކޮޅު ހައުސިން މިނިސްޓްރީން ވަނީ އެ މަސައްކަތްތައް އަލުން ބަލައި، އަމިއްލައަށް އެ މަސައްކަތާ ހަވާލުވެފަ އެވެ.

ވިލުފުށިން ދޫކުރާ ހައުސިން ޔުނިޓްތަކަކީ 2،000 އަކަފޫޓުގެ ބަންޑާރަ ގޯތިތަކުގައި އިމާރާތްކޮށްފައިވާ ތަންތަނެވެ. މި ޔުނިޓްތަކުގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް އަދި ބަދިގެ ހިމެނެ އެވެ. މިއީ އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ މަޝްރޫއެކެވެ.

ތުޅާދޫގައި އިމާރާތްކޮށްފައިވާ 1،100 އަކަފޫޓުގެ ޔުނިޓްތަކުގައި ތިން ކޮޓަރި އާއި ތިން ފާހާނާގެ އިތުރުން ސިޓިން ރޫމަކާއި ބަދިގެ، ސްޓޯރޫމް އަދި ލޯންޑްރީއަށް ހާއްސަ ބައެއް ހިމެނެ އެވެ. މިނިސްޓްރީން އަމާޒު ހިފާފައިވަނީ މި މަހުގެ ނިޔަލަށް ފޯމު ހުށަހަޅައި ނިމުމުން، ވީހާވެސް އަވަހަކަށް ހައްގުވެރިން ކަނޑައަޅައި ޔުނިޓްތައް ހަވާލުކުރުމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...