ހަތް އަހަރަށް ފަހު ހަމްޕު މާޒިޔާ ދޫކޮށްލައިފި

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެކު ކާމިޔާބު ހަތް އަހަރު ހޭދަކުރުމަށްފަހު، ގައުމީ ފުޓްބޯޅަ ޓީމުގެ އިތުބާރު ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އެ ކްލަބް ދޫކޮށްލަން ނިންމައިފިއެވެ.
އުމުރުން 31 އަހަރުގެ ހަމްޕު މިކަން އިއުލާންކުރީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށެވެ.
މާޒިޔާ ދޫކޮށްލާކަން ހާމަކުރަމުން ހަމްޕު ބުނީ، އޭނާގެ ކެރިއަރުގައި މިއަދު އާދެވިފައިވާ ހިސާބަށް ވާސިލުވުމުގައި މާޒިޔާއިން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އަދި އެ ކްލަބަކީ އޭނާގެ “ސެކަންޑް ހޯމް” ނުވަތަ ދެވަނަ ގެ ކަމަށް ސިފަކުރަމުން، ފުރަތަމަ ދުވަހުން ފެށިގެން ކްލަބުގެ މެނޭޖްމަންޓާއި ކޯޗިން ސްޓާފުން ބެހެއްޓި ގާތްކަމަށް އޭނާ ޝުކުރު އަދާކުރިއެވެ.
“މި ދަތުރުގައި ކުލަބްގެ މެނޭޖްމަންޓާއި ކޯޗުން ފޯރުކޮށްދިން އެހީތެރިކަމާއި އަހަރެންނަށް މަގު ދައްކައިދޭން ކުރި ހުރިހާ މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވަން،” ހަމްޕު ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި އެ ކްލަބުގައި ހޭދަކުރި ކޮންމެ ވަގުތަކީވެސް އޭނާ ފަހުރުވެރިވާ، ހާއްސަ ހަނދާންތަކެއް އާވާ ވަގުތުތަކެކެވެ.
މާޒިޔާގައި ހޯދި ކާމިޔާބީތައް
ބ. އޭދަފުށްޓަށް އުފަން ހަމްޕު މާޒިޔާއާ ގުޅުނީ 2019 ވަނަ އަހަރުއެވެ. އެ ކްލަބާއެކު އޭނާ ވަނީ ފަސް ފަހަރު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އެއް ފަހަރު، އަދި ތިން ފަހަރު ޗެރިޓީ ޝީލްޑް އުފުލާލުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ހަމްޕުއަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ފުރަތަމަ ޑިވިޝަނަށް ތައާރަފުވީ 2014 ވަނަ އަހަރު ނިއު ރޭޑިއަންޓުންނެވެ. ނިއުއާ ގުޅުމުގެ ކުރިން މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވި ނަމަވެސް، އޭރު އޭނާ ސޮއިކުރީ ނިއުއާއެކުއެވެ. ނިއު ރޭޑިއަންޓުގައި ފަސް އަހަރު ހޭދަކުރުމަށްފަހު އޭނާ މާޒިޔާއަށް ބަދަލުވީ 2019 ގައެވެ.
ހަމްޕު މާޒިޔާ ދޫކޮށްލި ނަމަވެސް، އޭނާ ދެން ގުޅޭނީ ކޮން ކްލަބަކާ ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...