2028 ގެ ރިޔާސީ އިންތިހާބުވެސް ކާމިޔާބު ކުރާނީ ޕީއެންސީން: ސަލީމް

އޭދަފުށި ޓައިމްސްޚަބަރު

2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައިވެސް ވެރިކަން ކުރާ ޕީއެންސީން ކާމިޔާބު ހޯދައި، އެ ޕާޓީ ވެރިކަމުގައި ދެމިއޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ސަލީމް މިހެން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އެ އިންތިހާބުތަކުން ޕީއެންސީ ބަލިވެފައިވާ ކަމަށް ބުނެ އެމްޑީޕީން ދައްކާ ވާހަކަތައް ސަލީމް ވަނީ ދޮގުކުރައްވާފައެވެ.

ސަލީމް ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީ އުފެދުނު ފަހުން މިހާތަނަށް ވެރިކަން ކުރި އެއްވެސް ޕާޓީއަކަށް ކައުންސިލް އިންތިހާބުތަކުގެ މެޖޯރިޓީ ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން، މިފަހަރުގެ ބައި-އިލެކްޝަންތަކުން ލިބުނު ނަތީޖާއަކީ ޕީއެންސީ ބަލިވުން ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“އިންތިހާބަކުން ބައްޔެއް ނުވޭ، ތާރީހަށް ބަލާއިރުގައި އެއްވެސް އިރެއްގައި ޑިމޮކްރަސީ އުފެދުނުފަހުން މިހާތަަނަށް ރާއްޖޭގައި ވެރިކަންކުރި އެއްވެސް ބަޔަކަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ލިބިފައެއް ނެތް،” ސަލީމް ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ސަލީމް ވިދާޅުވީ، ބައި-އިލެކްޝަންގެ ނަތީޖާއާއެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ހުވަފެން އެ ޕާޓީން ދެކެމުންދާ ކަމަށެވެ. ނަމަވެސް އެ ފުރުސަތު އެމްޑީޕީއަށް ނުލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

“ހުވަފެނުގައި ދެން 2028 ލިބިފައޭ މި ކިޔަނީ، އެ ލިބިގެން ވަަރަށް ފުއްޕައިގެން މިތިބެނީ، 2028 އެއް ނުލިބޭނެ އަޅުގަނޑުމެން މިހެން، ފުރާނަ ސަލާމަތުން ތިބިއްޔާ 2028 ގެންދާކަށެއް ނުކެރޭނެ، 2028 ގެންދާނީ ޕީއެންސީން،” ސަލީމް ވިދާޅުވިއެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުނު އިންތިހާބުތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...