ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓްރީ އުވާލައިފި

އޭދަފުށި ޓައިމްސްޚަބަރު

ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބޮޑު ބަދަލަކާ އެކު، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އިއްޔެ އުވާލައިފި އެވެ.

މި ބަދަލަކީ ސަރުކާރުގެ ވުޒާރާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެނައި ބަދަލެއް ކަމަށް ރައީސް އޮފީހުން ބުޏްޏެވެ.

ކެބިނެޓުގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު އިއްޔެ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވިއިރު، އޭގެ ތެރޭގައި ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފް އުމަރު ވެސް ހިމެނިވަޑައިގަންނަވަ އެވެ. ރޭ ސަރުކާރުގެ ވުޒާރާތަކުގެ އަދަދު 15 އަށް މަދުކޮށް ކެބިނެޓް އަލުން އެކުލަވާލިއިރު، އާދަމް ޝަރީފަށް އަދި އެއްވެސް މަގާމެއް ދެއްވާފައެއް ނުވެ އެވެ.

މިނިސްޓްރީ އުވާލުމާ ގުޅިގެން، އެ ވުޒާރާގެ ދަށުން ހިންގަމުން އައި ޕަބްލިކް ވޯކްސްގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކޮށްފަ އެވެ. މީގެ ތެރޭގައި އަތޮޅުތަކުގައި ހުރި ސަރުކާރުގެ އިމާރާތްތަކާއި ވަސީލަތްތައް ބެލެހެއްޓުމާއި، ކައުންސިލްތަކުން ހިންގާ އުމްރާނީ މަޝްރޫއުތަކަށް ފަންނީ އެހީތެރިކަން ދިނުން ހިމެނެ އެވެ.

ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތަކީ ގާނޫނީ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ކަމަށް ވާއިރު، މި ސަރުކާރުން ވަކި މިނިސްޓްރީއެއް އުފެއްދުމުން މީގެ ކުރިން ވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ. މީގެ ކުރިން ވެސް ޕަބްލިކް ވޯކްސްގެ މަސައްކަތްތައް ބަލަހައްޓަމުން އައީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ.

މިނިސްޓްރީ އުވާލި ނަމަވެސް، އެ ތަނުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުން މިއަދު ވެސް ވަނީ ވަޒީފާއަށް ނިކުމެފަ އެވެ. އެނގިފައިވާ ގޮތުގައި ވަކި ގޮތެއް އަންގަންދެން އެ މުވައްޒަފުން މަސައްކަތަށް ނިކުންނަމުން ދާނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...