ކެންދޫ ކައުންސިލް ރައީސްގެ ސައިކަލް ކަނޑު ފައްތައިފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ކެންދޫ ކައުންސިލް ރައީސް އިންރާހިމް އަބްދުއްރަހްމާންގެ ސައިކަލު ކަނޑުއަޑީގައި–

ބ. ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއްރަހްމާންގެ ސައިކަލު ވަގަށް ނަގައި ކަނޑުފައްތާލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ކައުންސިލް ރައީސް އިބްރާހިމް ވިދާޅުވި ގޮތުގައި، އޭނާގެ ސައިކަލު ފެނިފައިވަނީ ރަށުގެ އުރަފަށުން ބޭރުން ގާތްގަނޑަކަށް 10 މީޓަރު އަޑީގައި އޮއްވައެވެ. ސައިކަލު ހޯދުމަށްޓަކައި ރަށުގެ އެކި ސަރަހައްދުތައް ބެލުމަށްފަހު، ރަށުން ބޭރު ބަލަން ފެށީ ރަށު ތެރެއިން ސައިކަލު ނުފެނުމުން ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިބްރާހިމް ވިދާޅުވީ، މިއީ ސިޔާސީ ބޭނުމެއްގައި ބަޔަކު ކުރި ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

 “ސިޔާސީ ކަމެއް މިއީ. މިފަހަރު އިންތިހާބުގައި އަޅުގަނޑު ވެސް ވާދަކުރިން އެމްޑީޕީން. އަޅުގަނޑަކީ އެމްޑީޕީ މީހެއް. އެހެންވެ ނުހޮވުނީމަ އެކަމުގެ ހަސަދައިގައޭ މިކަން ކުރީއޭ އަޅުގަނޑު ބުނާނީ،” އޭނާ ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި މި އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތާއި ނަންތައް ވެސް މިހާރު ވަނީ ފުލުހުންނާ ހިއްސާކޮށްފައެވެ.

ކަނޑުއަޑީގައި އޮތް އިބްރާހިމްގެ ސްކޫޕީ މަރުކާގެ ސައިކަލު ނަގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އިތުރަށް ތަހުގީގު ހިންގަމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...