ދޮންފަނު ކައުންސިލްގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް ރަފާހް ކާމިޔާބުކޮށްފި

ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑީގެ ދެވަނަ ބުރުގެ އިންތިޚާބު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެނޑިޑޭޓް އައިމިނަތު ރަފާހް ކާމިޔާބުކޮށްފި އެވެ.
މިއަދު ބޭއްވުނު މި އިންތިޚާބުގައި ރަފާހް ވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓުގެ މައްޗަށް ކުރި ހޯދާފަ އެވެ.
މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އުމުރުން އެންމެ 20 އަހަރުގެ ރަފާހް އަށް ޖުމްލަ ލިބިފައި ވަނީ 202 ވޯޓެވެ.
އޭނާއާ ވާދަކުރި ޕީއެންސީގެ ކެނޑިޑޭޓް މުނާ އަށް ލިބިފައި ވަނީ 162 ވޯޓެވެ. މި ކާމިޔާބީއާ ގުޅިގެން ގިނަ ބަޔަކު ދަނީ ރަފާހް އަށް މަރުޙަބާ ކިޔަމުންނެވެ. ބައެއް އާންމުން ސިފަކުރާ ގޮތުގައި މިއީ ދޮންފަނު ރައްޔިތުން ސަރުކާރަށް ދިން ވަރުގަދަ މެސެޖެކެވެ.
ވޯޓު ފޮށިތަކުގެ ނަތީޖާ
ދޮންފަނު ސްކޫލްގައި ބެހެއްޓި ވޯޓު ފޮށިން ރަފާހް ވަނީ ބޮޑު ތަފާތަކުން ކުރި ހޯދާފަ އެވެ. އެ ފޮށްޓަށް ވޯޓުލީ 269 މީހުންގެ ތެރެއިން 155 ވޯޓު ރަފާހް ހޯދިއިރު، މުނާ އަށް ލިބުނީ 111 ވޯޓެވެ. ނަމަވެސް މާލޭގައި ތާޖުއްދީން ސްކޫލްގައި ބެހެއްޓި ފޮށިން ކުރި ހޯދީ ޕީއެންސީގެ ކެނޑިޑޭޓެވެ. އެ ފޮށިން މުނާ އަށް 51 ވޯޓު ލިބުނު އިރު ރަފާހް އަށް ލިބުނީ 47 ވޯޓެވެ.
މި އިންތިޚާބަކީ އެއްވަރުވުމުގެ ސަބަބުން ބޭއްވުނު ދެވަނަ ބުރެއްގެ ވޯޓުލުމެކެވެ. ދޮންފަނުގެ އިތުރުން ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ ކައުންސިލް ގޮނޑިއާއި، ހއ. ކެލާ، ހދ. ނޭކުރެންދޫ އަދި ލ. މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކަށް ވެސް މިއަދު ވަނީ ވޯޓުލުން ކުރިއަށް ގެންގޮސްފަ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...