ކެންދޫ ބަޔަކު ވެލާ ފެޅި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ

އޭދަފުށި ޓައިމްސްޚަބަރު

ބ. ކެންދޫ ބަޔަކު މި އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހުޅުދޫގައި ވެލާ ފެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، ހުޅުދޫގައި ވެލާ ފެޅި ކަމުގެ ރިޕޯޓު ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުން ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ތަހުގީގީ ރިޕޯޓު މިހާރު ވަނީ އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ފޮނުވާފައެވެ.

އީއާރުއޭގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު ވިދާޅުވީ، ފުލުހުންގެ ތަހުގީގު ރިޕޯޓު ބަޔޮސްފިޔާ ރިޒާވް އޮފީސް މެދުވެރިކޮށް އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ. އަދި އީއާރުއޭގެ އުސޫލުތަކުގެ ތެރެއިން، ތުހުމަތު ކުރެވޭ މީހުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހު އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. “އީއާރުއޭ އިން މި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ،” ހައްސާން ވިދާޅުވިއެވެ.

މި މައްސަލައިގައި ބައިވެރިވި މީހުންގެ ސީދާ އަދަދެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިއީ މިފަދަ ހާދިސާއެއް އެ ސަރަހައްދުގައި ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2023 ވަނަ އަހަރު ވެސް ކެންދޫގެ ހަތް މީހަކު އެ އަތޮޅު ކެޔޮދޫގައި ހަ ވެލާ ފަޅައިގެން ކެއްކި މައްސަލައެއްގައި އީއާރުއޭ އިން ވަނީ އެ މީހުން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައެވެ.

ރާއްޖޭގައި ވެލާ ކަހަނބަކީ ހިމާޔަތްކޮށްފައިވާ އެއްޗަކަށްވާއިރު، އެ ތަކެއްޗަށް ގޯނާކުރުމާއި މެރުމަކީ ގާނޫނީ ގޮތުން ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...