ފުރަތަމަ ކުއާޓާގައި ބީއެމްއެލް އަށް ސާފު ފައިދާގެ ގޮތުގައި 631 މިލއަން ރުފިޔާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އާންމުކުރި މާލީ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ބޭންކުގެ ޖުމުލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރޭގައި ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު 796 މިލިއަން ރުފިޔާ އާއި ފީ އަދި ކޮމިޝަނުން ލިބުނު 332 މިލިއަން ރުފިޔާ ހިމެނެއެވެ.
ބޭންކުގެ މާލީ ހާލަތާ ގުޅޭގޮތުން ބީއެމްއެލް އިން ބުނީ “2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުން ހޯދާފައިވާ ބޮޑު ކުރިއެރުމަކީ ބޭންކުގެ މާލީ ދުޅަހެޔޮކަމާއި އެސެޓްތަކުގެ ފެންވަރު ރަނގަޅުކަމުގެ ހެއްކެއް” ކަމަށެވެ. އަދި ހަރަދުތައް ކުޑަކުރުމަށް ކުރި މަސައްކަތުން ކޮސްޓް-ޓު-އިންކަމް ރޭޝިއޯ ވަނީ 24 އިންސައްތައަށް ދަށްކުރެވިފައެވެ.
ތާރީހީ ކުރިއެރުމެއް: އެސެޓް 60 ބިލިއަނުން މައްޗަށް
ބީއެމްއެލްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖުމުލަ އެސެޓްގެ އަގު ވަނީ 60 ބިލިއަން ރުފިޔާއަށް ވުރެ މަތިވެފައެވެ. ފުރަތަމަ ކުއާޓަރު ނިމުނުއިރު ޖުމުލަ އެސެޓް 60.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މީގެ އިތުރުން ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ އަދަދު 40.7 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
ލޯނު ދޫކުރުމުގެ ދާއިރާއަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ތަފާތު ސިނާއަތްތަކަށް މުޅިން އަލަށް 4.6 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. މި މަހުގެ ފުރަތަމަ 15 ދުވަހު ދޫކުރި ލޯނުތަކާއެކު، މިއަހަރު އަލަށް ދޫކުރި ލޯނުގެ ޖުމުލަ އަދަދު މިހާރު ވަނީ ފަސް ބިލިއަން ރުފިޔާއަށް ވުރެ މަތިވެފައެވެ. މިހާރު ބޭންކުން ދޫކޮށްފައިވާ ޖުމުލަ ލޯނުގެ އަދަދަކީ 27.6 ބިލިއަން ރުފިޔާއެވެ.
ބޭންކުން އިތުރަށް ފާހަގަކުރި ގޮތުގައި، ރައުސްމާލުގެ ފުދުންތެރިކަން ވަރުގަދަ މިންގަނޑެއްގައި ހިފެހެއްޓިފައިވުމަކީ ރެގިއުލޭޓަރީ މިންގަނޑުތަކާ އެއްގޮތަށް ވިޔަފާރި އިތުރަށް ފުޅާކުރުމަށް ލިބޭ ބޮޑު ބާރެކެވެ. އަދި އައިއެފްއާރްއެސް9 ގެ މިންގަނޑުތަކާ އެއްގޮތަށް ލޯނުތަކަށް އުނިކުރެވޭ މިންވަރު (އީސީއެލް) ވެސް ދަނީ ހަރުދަނާކަމާއެކު ބަލަހައްޓަމުންނެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...