ސިއްރުން ފީއެއް ނަގާ ކަމަށް ބުނާ ވާހަކަ ބީއެމްއެލް އިން ދޮގުކޮށްފި

އޭދަފުށި ޓައިމްސްޚަބަރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ އުސޫލުތަކާ ހިލާފަށް، ކާޑުން ކުރާ މުއާމަލާތްތަކުން 30 ޕަސެންޓުގެ ފީއެއް ސިއްރިއްޔާތުގައި ނަގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑިން އެންޑް މާކެޓިން ސްޓްރެޓެޖީ މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖުލައި 2025 އިން ފެށިގެން ވަކި އީ-ކޮމާސް ސައިޓްތަކަކުން (ޓީމޫ، ޝެއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ފިޔަވައި އެއްވެސް އިތުރު ސައިޓަކުން ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނުނަގާނެ ކަމަށެވެ. މިއީ މީގެ ކުރިންވެސް ބޭންކުން ރަސްމީކޮށް ހާމަކޮށްފައިވާ ގޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ “ސިއްހީ ހިދުމަތާއި، ތައުލީމާއި އަދި ދަތުރުފަތުރުގެ ދާއިރާގެ އިތުރު އެތައް ސަތޭކަ މާރޗަންޓުންނަކަށް މިފަދަ ފީއެއް ސިއްރިއްޔާތުގައި އިތުރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކައެއް” ކަމަށެވެ. ބޭންކުގެ ‘ޝެޑިއުލް އޮފް ޗާޖަސް’ ގައިވާ ގޮތުން ރާއްޖެއިން ބޭރުގައި ކުރާ މުއާމަލާތްތަކަށް ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކުރުމުން ކްރޮސްބޯޑާ ފީއެއް ނެގިދާނެ ކަމަށާއި، މިއީ ދުނިޔޭގެ އެހެން ބޭންކުތަކުންވެސް އަމަލުކުރާ އުސޫލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މިއީ ވަކި ލިސްޓަކަށް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށްވެސް ބޭންކުން ބުނެއެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ އާންމުންނާއި ވިޔަފާރިތައް ބޭންކަށް ބަރޯސާވެފައިވާ މިންވަރަށް ބަލާއިރު، މިފަދަ ދޮގު ވާހަކަތަކަކީ ބޭންކުގެ އިތުބާރު ގެއްލުވާލައި، ގައުމުގެ އިގްތިސާދީ ހަމަޖެހުމާއި މާލީ ރައްކާތެރިކަމަށް ނުރައްކާކުރުމަށް ފަތުރާ ވާހަކަތަކެއްގެ ގޮތުގައި ބޭންކުން ސިފަކުރެއެވެ.

ބީއެމްއެލް އިން ވަނީ މިފަދަ ހަގީގަތާ ހިލާފު މައުލޫމާތުތަކަށް ސަމާލުކަން ނުދިނުމަށާއި، ހަމައެކަނި ބޭންކުގެ ރަސްމީ ވަސީލަތްތަކުން ހާމަކުރާ މައުލޫމާތަށް ރިއާޔަތްކުރުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...