އޭދަފުށި ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

އޭދަފުށި ޓައިމްސްޚަބަރު

ރިވައިވަލް ސްޕޯޓްސް އޭދަފުށްޓާއި ރިވައިވަލް ސްޕޯޓްސް ގުޅިގެން ބާއްވާ “ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން 2026” ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އޭދަފުށީ ޔޫތު ސެންޓަރުގައި ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ އަންނަ މަހުގެ 22 އިން 25 ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ އަށްވަނަ ދުވަހެވެ. މި މުބާރާތުގައި ވާދަކުރެވޭނެ އެންމެ ދަށް އުމުރުފުރާއަކީ، މިއަހަރުގެ ޑިސެމްބަރު 31 ގެ ކުރިން ހަ އަހަރު ފުރޭ ކުދިންނެވެ.

މިފަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓްތައް ކުރިއަށްދާނީ 9، 11، 13، 15، 17 އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކަށެވެ. ޑަބަލްސް އިވެންޓްތައް ހަމަޖެހިފައިވަނީ 11، 13، 15، 17 އަދި 19 އަހަރުން ދަށުގެ ކެޓަގަރީތަކަށެވެ. މުބާރާތުގެ އެންޓްރީ ފީއެއްގެ ގޮތުގައި ކޮންމެ ކުޅުންތެރިއަކު ސިންގަލްސް އަދި ޑަބަލްސް އިވެންޓްގެ ކޮންމެ ކެޓަގަރީއަކަށް 100 ރުފިޔާ ދައްކަން ޖެހެ އެވެ.

މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފެދާ ޝަޓްލްސް ބޭނުންކޮށްގެންނެވެ. ކޮންމެ އިވެންޓަކުން ޗެމްޕިއަންކަން ހޯދާ ކުޅުންތެރިންނަށް ޓްރޮފީ އާއި މެޑަލް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް އަދި ތިންވަނައަށް ދާ ކުޅުންތެރިންނަށް މެޑަލް ދިނުމަށް ވަނީ ނިންމާފަ އެވެ.

ފާއިތުވި ދެ އަހަރުވެސް ކާމިޔާބުކަމާއެކު ބޭއްވި މި މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ވާދަކުރާ މުބާރާތެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން މި މުބާރާތުގައި ކުޅެ ކާމިޔާބީ ހޯދި ބައެއް ކުޅުންތެރިން ވަނީ ގައުމީ ޖޫނިއާ ޓީމުން ވެސް ޖާގަ ހޯދާފަ އެވެ.

މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...