ބީއެމްއެލް އިން ލޯނު ދޫކުރާ އުމުރު 75 އަހަރަށް މަތިކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ މީހުންގެ އުމުރުގެ މިންގަނޑަށް ބަދަލު ގެނެސް، 75 އަހަރާ ހަމައަށް ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މި ނިންމުމަކީ ބީއެމްއެލްގެ ބޯޑުން އިއްޔެ ނިންމި ނިންމުމެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކުރައްވާފައެވެ.
މީގެ ކުރިން ބީއެމްއެލް އިން ލޯނު ދޫކުރަމުން އައީ 60 އަހަރާ ހަމައަށެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު، ގެދޮރު ގަތުމާއި އެފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ބޭނުންވާ ފައިނޭންސިން ހޯދުމުގައި އާންމުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، 75 އަހަރަށް ވުރެ މަތީ އުމުރުގެ މީހުންނަށް ވެސް އާމްދަނީ ލިބޭނަމަ ކްރެޑިޓް ކާޑުގެ ހިދުމަތް ލިބޭނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ސީއީއޯ ޝަރީފް ވިދާޅުވީ، “މިއީ ގެދޮރު ގަތުމާއި އެފަދަ އިތުރު ކަންތައްތައް ކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބޭންކުން ނިންމި ނިންމުމެއް” ކަމަށެވެ. އަދި ބޭންކުން މިހާރު ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ބޮޑު ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި، ގިނަ ލޯނުތަކަކުން މިހާރު ވެސް ލުއިތައް ދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އިތުރަށް ހާމަކުރެއްވި ގޮތުގައި، ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންނާއި ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ޑޮލަރުން ލޯނު ދައްކަން ބޭނުންވާ ފަރާތްތަކަށް 1.5 އިންސައްތަ ކުޑަ ރޭޓެއްގައި ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. މިއީ ބޭންކުން ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އަލަށް ދޫކުރި ލޯނާއި ފައިނޭންސިންގެ އަދަދު ވަނީ 5 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 50 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމްލަ ގޮތެއްގައި މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ބޭންކުން ވަނީ 28 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...