އޭދަފުށީ ސްޓޭޑިއަމަށް އޮންލައިންކޮށް ޓިކެޓް ގަނެގެން މެޗު ބަލަން ވަދެވޭ ގޮތަށް ހަމަޖައްސައިފި

އޭދަފުށި ޓައިމްސްޚަބަރު

އޭދަފުށީގައި ގާއިމުކޮށްފައިވާ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ސްޓޭޑިއަމަށް އޮންލައިންކޮށް ޓިކެޓް ގަނެގެން މެޗު ބަލަން ވަދެވޭނެ އިންތިޒާމު އޭދަފުށީ ކައުންސިލުން ހަމަޖައްސައިފި އެވެ.

Advertisement

އޭދަފުށީގައީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު (ނަޒީރުބޭ) ގެ އެހީގައި ތަރައްގީކޮށް 2019 ވަނަ އަހަރު ހުޅުވި ސްޓޭޑިއަމަކީ ރާއްޖޭގައި ތަރައްގީކޮށްފައިވާ އެންމެ ޒަމާނީ ފެންވަރުގެ އަދި އެންމެ ވަސީލަތްތައް ރަނގަޅު ސްޓޭޑިއަމެވެ.

އޭދަފުށީ ކައުންސިލުން ދިޔައީ މީގެކުރިން އެ ދަނޑުގައި ކުޅޭ އޭދަފުށި ކަޕްގެ މެޗުތަކަށް ޓިކެޓް ވިއްކަމުންނެވެ. އެ މުބާރާތުގެ މެޗުތަކަށް ޓިކެޓް ވިއްކީ ދަނޑަށް ގޮސް ނުވަތަ ކައުންސިލުން ޓިކެޓް ނަގާ ގޮތަށެވެ. އެގޮތަށް ވިއްކިއިރު ވެސް ޓިކެޓް ބޮޑު ޑިމާންޑެއް އޮތެވެ. ބައެއް މެޗުތަކަށް ޓިކެޓް ފުލްވެ ސަޕޯޓަރުންނަށް ޖާގަ ވެސް ނުލިބުނެވެ.

ރައްޔިތުންގެ އެދުމާއެކު، އަދި ޓިކެޓް ވިއްކޭނެ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން އޭދަފުށީ ކައުންސިލުން މިހާރު ވަނީ އޮންލައިންކޮށް ޓިކެޓް ގަނެވޭ ޕޯޓަލެއް ގާއިމުކޮށް ހުޅުވާލައިފަ އެވެ. މި ޕޯޓަލް މެދުވެރިކޮށް ފުރަތަމަ ޓިކެޓް ދޫކުރާނީ މިއަދު ރީޖަން ލީގުގެ ޒޯން ދޭއްގައި އޭދަފުއްޓާއި މަނަދޫ ވާދަކުރާ ފައިނަލް މެޗަށެވެ. އެކަމަކު މި މެޗަށް ޕޯޓަލް މެދުވެރިކޮށް ޓިކެޓް ދޫކުރަނީ ހިލެ އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ސަރަހައްދީ ބުރުގައި އޭދަފުށި ކުޅޭ މެޗުތަކުގައި ދަނޑަށް ވަދެވޭނީ އޮންލައިންކޮށް ޓިކެޓް ގަނެގެން ކަމަށެވެ. ސަރަހައްދީ ކޮލިފައިންގައި އޭދަފުށި ނުކުންނާނީ މަނަދޫ އާއި ހަނިމާދޫ އަދި ދިއްދޫއާ ދެކޮޅަށެވެ.

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމް ރަސްމީކޮށް 2019 ވަނަ އަހަރު ހުޅުވައި ރޮސްޓްރަމާއި ސިޑިބަރި ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ. ފެންވަރު ރަނގަޅުކޮށް ތަރައްގީކުރި އެ ސިޑިބަރިއަށް ގާތްގަނޑަކަށް 900 އާއި 1000 އާ ދެމެދުގެ އަދަދަކަށް ސަޕޯޓަރުންނަށް ވަދެވެ އެވެ.

މިއީ ރާއްޖޭގައި އޮންލައިންކޮށް ޓިކެޓް ގަނެގެން މެޗު ބަލަން ވަދެވޭނެ އިންތިޒާމު ހަމަޖެއްސި ފުރަތަމަ ފަހަރެވެ. މި ފަސޭހައާއެކު އޭދަފުށި އަނެއްކާވެސް މިވަނީ ދިވެހި ފުޓްބޯޅަ އަށް ތާރީހީ ބަދަލެއް ގެނެސްފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...