އޭދަފުށީ ސްޓޭޑިއަމްގައި ކުޅޭ ވާދަވެރި ފުރަތަމަ ޒޯން ފައިނަލްގައި މިއަދު މަނަދޫއާ ދެކޮޅަށް

އޭދަފުށި ޓައިމްސްކުޅިވަރު

އޭދަފުށީގެ ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު (ނަޒީރުބޭ) ރަށު ރައްޔިތުންނަށް ހަދިޔާކޮށްދިން އަގުބޮޑު، ފެންވަރު ރަނގަޅު ސްޓޭޑިއަމްގައި ކުޅޭ ފުރަތަމަ ޒޯން ފައިނަލުގައި އޭދަފުށިން މިއަދު ނ. މަނަދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.

Advertisement

އޭދަފުށީގައި 2019 ވަނަ އަހަރު ސްޓޭޑިއަމް ހުޅުވިފަހުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މުބާރާތެއް ކުޅެފައެއްނުވެ އެވެ. މިއީ އެ ސްޓޭޑިއަމްގައި އެފްއޭއެމުން ބާއްވާ މިފަދަ މުބާރާތެއްގެ މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ.

އޭދަފުއްޓާއި މަނަދޫ މިއަދު ވާދަކުރާނީ ބީއެމްއެލް ޗެމްޕިއަންޝިޕް ރީޖަނަލް ކޮލިފައިންގެ ޒޯން ދޭއްގެ ފައިނަލުގަ އެވެ. މި ޒޯނުގައި އޭދަފުއްޓާއި މަނަދޫގެ އިތުރުން އޮތީ ނައިފަރެވެ. އެކަމަކު ފަހު ވަގުތު ނައިފަރުން ނަން ނެގުމުން ފައިނަލުގައި މި ދެޓީމު ވާދަކުރަންޖެހޭ ގޮތަށް ހަމަޖެހުނީ އެވެ.

ފައިނަލަށް ނުކުންނައިރު މި ދެޓީމަށް ވެސް އަނެއް ބުރުން ފުރުސަތު ލިބިފަ އެވެ. އަނެއް ބުރުގައި އޭދަފުއްޓާއި މަނަދޫ ވާދަކުރާނީ އުތުރުގެ ޒޯން އެކަކުން ކޮލިފައިވި ދިއްދޫ އަދި ހަނިމާދޫއާ އެވެ.

އުތުރު ޒޯންގެ ފައިނަލް ބުރުގެ މެޗުތައް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އެ އުސޫލާއެކު އޭދަފުށީ ސްޓޭޑިއަމްގައި މަނަދޫ، ދިއްދޫ އަދި ހަނިމާދޫއާ ވާދަކުރާނެ އެވެ.

އޭދަފުއްޓާއި މަނަދޫ މިއަދު ޒޯން ފައިނަލުގައި ވާދަކުރާއިރު މިއީ ފަހުގެ ތާރީހެއްގައި މި ދެޓީމުގެ ކުރިމަތިލުމެއް ފެންނަ ފުރަތަމަ ފަހަރެވެ.

އޭދަފުއްޓަކީ 2024 ވަނަ އަހަރު މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި ގޯލްޑް ކަޕްގެ ޗެމްޕިއަނުންނެވެ. މަނަދޫ އަކީ ވެސް ފަހަކަށް އައިސް ފުޓްބޯޅައިގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ ޓީމެކެވެ. އެޓީމު ޒޯން ބުރަށް ކޮލިފައިވީ ވެސް އަތޮޅު ޗެމްޕިއަންކަން ހޯދައިގެންނެވެ. އޭދަފުށި ޒޯން ބުރަށް ކޮލިފައިވީ އަތޮޅުގެ އެހެން އެއްވެސް ރަށަކުން ވާދަކޮށްފައިނުވާތީ އެވެ.

ޒޯން ބުރުގެ ފައިނަލް މެޗު މިއަދު އޭދަފުށީގައި ކުޅޭއިރު، މި މެޗު ބަލަން އޮންލައިކޮށް ޓިކެޓް ބުކްކޮށްގެން ހިލޭ ވަދެވޭ ގޮތަށް ކައުންސިލުން ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު އޭދަފުށީ ކައުންސިލުން އުފެއްދި ޓިކެޓް ވިއްކާ ޕްލެޓްފޯމް މެދުވެރިކޮށް ފައިނަލް ބުރުގެ މެޗުތައް ބަލަން ވަދެވޭނީ ޓިކެޓް އޮންލައިންކޮށް ގަނެގެންނެވެ.

އޭދަފުއްޓާއި މަނަދޫ ވާދަކުރާ މެޗު، އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...