އޭދަފުށި ބަލިކޮށް ރީޖަނަލް ލީގުގެ ޒޯން ދޭއްގެ ޗެމްޕިއަންކަން މަނަދޫ އަށް

ފައިނަލުގައި އޭދަފުށި 6-5 އިން ބަލިކޮށް ބީއެމްއެލް ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން ދޭއްގެ ޗެމްޕިއަންކަން ނ. މަނަދޫ އިން ހޯދައިފި އެވެ.
އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުން މަނަދޫ މޮޅުވީ އޭދަފުށި ބޮޑު ލީޑެއްގައި އޮއްވައި ފަހަތުން އަރައި ޖެހި ގޯލުތަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ އޭދަފުށި 1-4 އިން ކުރީގައި އޮވެގެންނެވެ. އެކަމަކު މި ހާފުގައި އޭދަފުއްޓަށް މައްސަލަ ކުރިމަތިވީ މެޗުގެ 19 ވަނަ މިނެޓުގައި ގޯލްކީޕަރު މުހައްމަދު ޒަޔާން އަހުމަދަށް ސީދާ ރަތް ކާޑެއް ދެއްކުމެވެ.
ދެ ވަނަ ހާފުގައި ވަރުގަދަކޮށް ފަށައި، މަނަދޫން ވަނީ ހިތްވަރު އެލުވާނުލައި ކުޅެފަ އެވެ. އެޓީމުން އޭދަފުށި ބަލިކުރީ މެޗުގެ ފަހުކޮޅު ގާތްގާތުގައި ޖެހި ގޯލުތަކުންނެވެ.
މެޗުގައި އޭދަފުށީގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލީ ނަސީމް އާއި މިމްރާހް އަބްދުލްއަޒީޒްގެ އިތުރުން ހުސައިން ޝަރީފް އަދި އިބްރާހީމް ޝަރީފް އެވެ. މެޗުގައި އެއް ޕެނަލްޓީ ހިމެނޭހެން ހުސައިން ޝަރީފް ދެ ގޯލު ޖެހި އެވެ.
މަނަދޫ އަށް މެޗުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ރައުފަތު އަބޫބަކުރާއި އަމްދާހު އަލީ އަދި އަހުމަދު އަލީގެ އިތުރުން މެޗުން ފަހުވަގުތު އެޓީމު މޮޅުކޮށްދިން ގޯލު ކާމިޔާބުކޮށްދިން ޚަލަފް އަހުމަދެވެ. މެޗުގައި ރައުފަތު އަދި އަމްދާހް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ.
މެޗު ބެލުމަށް މިއަދު މަނަދޫން ވަނީ ސަޕޯޓަރުން ވެސް އޭދަފުއްޓަށް އައިސްފަ އެވެ. އަދި، މެޗުގައި ހުއްޓުމެއް ނެތި އެ ސަޕޯޓަރުން ވަނީ މަނަދޫ އަށް ތަރުހީބުދީފަ އެވެ.
މި ދެޓީމު ވެސް ދެން ކުޅޭނީ އުތުރުގެ ރީޖަނަލް ކޮލިފައިންގަ އެވެ. މި ބުރުގައި ވާދަކުރާނީ އޭދަފުއްޓާއި މަނަދޫގެ އިތުރުން ހަނިމާދޫ އަދި ދިއްދޫ އެވެ. މި ހަތަރު ޓީމުގެ މެޗުގައި ކޮލިފައިން ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އަދި ޗެމްޕިއަން ޓީމަށް ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގެ ފުރުސަތު ލިބޭނެ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...