އޭދަފުށި ހިމެނޭ އުތުރު ރީޖަން ލީގު މިއަދު ހަވީރު ފަށަނީ

އެފްއޭއެމް ރީޖަނަލް ލީގުގައި އޭދަފުށި ވާދަކުރާ އުތުރުގެ ސަރަހައްދުގެ ލީގު މެޗުތައް މިއަދު ފަށާނެ އެވެ.
އުތުރު ލީގުގައި ހިމެނެނީ އުތުރުގެ ޒޯން އެކެއް އަދި ޒޯން ދޭއްގެ ފައިނަލްގައި ވާދަކުރި ޓީމުތަކެވެ.
އުތުރުގެ ޒޯން އެކަކުން ސަރަހައްދީ ލީގަށް ކޮލިފައިވީ ޗެމްޕިއަން ހަނިމާދޫ އާއި ރަނަރަޕް ދިއްދޫ އެވެ. ޒޯން ދެއަކުން ރަނަރަޕް ޓީމުގެ ގޮތުގައި އޭދަފުށި ކޮލިފައިވިއިރު ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދީ މަނަދޫ އެވެ.
ޒޯން ދޭއްގެ ފައިނަލުގައި މަނަދޫއާ ވާދަކޮށް އޭދަފުށި ބަލިވީ 6-5 އިންނެވެ. ޒޯން އެކެއްގެ ފައިނަލުގައި ދިއްދޫ އާއި ހަނިމާދޫ ވާދަކުރި މެޗު 3-3 އިން އެއްވަރުވިއިރު ޕެނަލްޓީގައި ކުރި ހޯދީ ހަނިމާދޫންނެވެ.
އުތުރު ލީގުގެ މެޗުތައް ކުރިއަށްދާނީ މެއި 2 އިން މެއި 21 ގެ ނިޔަލަށެވެ.
އުތުރު ލީގުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ ހަނިމާދޫ އާއި މަނަދޫ އެވެ. މި މެޗު ކުޅޭނީ ހަނިމާދޫގަ އެވެ. މުބާރާތުގައި އޭދަފުށި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ނުކުންނާނީ ދިއްދޫއާ ދެކޮޅަށެވެ. ދިއްދޫގައި މެޗު ކުޅުމަށް އޭދަފުށި ޓީމު މިއަދު ދިއްދޫ އަށް ދާނެ އެވެ.
ލީގު ބުރުން ޗެމްޕިއަންކަން ހޯދާ ޓީމަށް މާލޭގައި އޮންނަ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގެ ޖާގަ ލިބޭނެ އެވެ. ޕްރިމިއާ ލީގުގެ ކޮލިފައިންގައި ވާދަކުރާނީ ފުރަތަމަ ޑިވިޝަންގެ ޓީސީ ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓްސްގެ އިތުރުން ރީޖަން ލީގުތަކުގެ ޗެމްޕިއަނުންނެވެ.
ރީޖަން ލީގުތަކުގެ ތެރޭގައި ހިމެނެނީ ނޯތު، ސެންޓްރަލް، އަދި ސައުތެވެ. ދެން ހިމެނޭނީ މާލޭގައި ކުރިއަށްދާ މާލެ ރީޖަން އެވެ. މި ޓީމުތަކާ އެކު ޕްރިމިއާ ލީގުގެ ކޮލިފައިންގައި 6 ޓީމު ވާދަކޮށް 4 ޓީމަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
